ގައްދޫއަށް އޮތް ހޯމް އެޑްވާންޓޭޖަކީ އީގަލްސްއަށް އޮތް ޑިސްއެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކެން: ބެންޖޯ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާއި ގައްދޫ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޖޯ-- ފޮޓޯ: އެފްއޭއެމް

ހޯމް އެޑްވާންޓޭޖް ގައްދޫއަށް އޮތްކަމަށް ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް ފުޓުބޯޅައަކީ ދަނޑަށް އަރާތިބޭ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުޅެވޭ ކުޅިވަރަކަށްވުމުން، ގައްދޫއަށް އޮތް ހޯމް އެޑްވާންޓޭޖަކީ އީގަލްސްއަށް އޮތް ޑިސްއެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށް ކުލަބު އީގަލްސްގެ ކޯޗު އިބްރާހީމް ހަނީފް (ބެންޖޯ) ބުނެފިއެވެ.

ގދ. ގައްދޫގައި އެ ޓީމާ ދެކޮޅަށް ކުލަބު އީގަލްސް އާދީއްތަ ދުވަހުގެ ހަވީރު ކުޅޭ މެޗާ ދެ ޓީމުވެސް ކުރިމަތިލާއިރު މިއީ ގައްދޫއަށް ލީގުގައި ތިންވަނަ މެޗެވެ. މި ތިން މެޗުވެސް ކުޅުނީ ގައްދޫގެ ދަނޑުގައެވެ. މިހާތަނަށް ޓީސީއާއި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެފައިވާއިރު، މި ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިއީ ކުލަބު އީގަލްސްގެ ދެވަނަ މެޗެވެ.

މެޗުގެ ކުރިން ގައްދޫގައި ކުރިއަށްދިޔަ އޮންލައިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބެންޖޯ ބުނީ އީގަލްސްއިން މި މެޗާ ކުރިމަތިލާނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި ގައްދޫއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ދެ މެޗުން ބަލިވެފައި އޮތް ނަމަވެސް ގައްދޫއަކީ މެޗު ފަސޭހަނުވާނެ ކަމަށް ބެންޖޯ ބުންޏެވެ. އަދި ލީގުގައި އެއްވެސް މެޗަކީ ފަސޭހަ މެޗެއްނޫން ކަމަށްވެސް ބެންޖޯ ބުންޏެވެ.

ބެންޖޯ ބުނީ ހޯމް އެޑްވާންޓޭޖް ގައްދޫއަށް އޮތްކަމަށް ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް ފުޓުބޯޅައަކީ ދަނޑަށް އަރާތިބޭ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުޅެވޭ ކުޅިވަރަކަށްވުމުން ގައްދޫއަށް އޮތް ހޯމް އެޑްވާންޓޭޖަކީ އީގަލްސްއަށް އޮތް ޑިސްއެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ގައްދޫއިން ކުރީ ދެމެޗުގައި އެ ދެއްކި ޕާފޯމަންސަށް ބަލާލާއިރުވެސް އިނގޭނެ ހަމަ ލީގުގައި ކޮންމެ ބަޔަކު ވެސް ހަމަ ސަޕްރައިޒިން ނަތީޖާއެއް ނެރެފާނެކަން. އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރު" މެޗުގެ ކުރިން ބެންޖޯ ބުންޏެވެ.

ކުލަބު އީގަލްސްއިން ލީގުގެ ފުރަތަމަ މެޗުގައި ބިސް ބުރު އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ލީގުގެ ދެވަނަ މެޗުގައި ގައްދޫއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 15:30 ގައެވެ.

comment ކޮމެންޓް