މިދިޔަ މަހު، ގޯނާއާ ގުޅޭ 101 މައްސަލަ ރިޕޯޓުކުރީ، ކުޑަކުދިން އަމިއްލައަށް ގުޅައިގެން ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އެ މިނިސްޓްރީއަށް ހުށަހެޅި ކުޑަކުދިންނާ ގުޅޭ 257 މައްސަލައިގައި މިދިޔަ މަހު ހަރަކާތްތެރިވިއެވެ.
މިދިޔަ މަހު މިނިސްޓްރީއަށް ގުޅައިގެން 2،003 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން، 1،514 މައްސަލަ ރިޕޯޓުކުރީ ބޮޑެތި މީހުން ކަމަށްވާއިރު، 101 މައްސަލަ ރިޕޯޓުކޮށްފައިވަނީ ކުޑަކުދިން އަމިއްލައަށެވެ. އަދި، ކާކުކަން ނޭނގޭ ގޮތަށް 388 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިއެވެ.
ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: މިދިޔަ މަހު ގޯނާގެ 101 މައްސަލަ ރިޕޯޓުކުރީ، ކުޑަކުދިން އަމިއްލައަށް މިނިސްޓްރީއަށް ގުޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 91 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިއެވެ. މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ، ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 32 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 20 މައްސަލައެއް ހުށަހެޅިއެވެ.
މީގެއިތުރުން، ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލައަކާއި ގެވެށި އަނިޔާގެ މަންޒަރެއް ފެނުމުގެ 10 މައްސަލައަަކާއި ބުލީގެ ޝިއާރަކަށްވި އަށް މައްސަލައާއި ނަފުސާނީ އަނިޔާގެ ހަތަރު މައްސަލައާއި ބްލެކްމެއިލްގެ މައްސަލައަކާއި ފުރައްސާރަކުރުމުގެ މައްސަލައަކާއި އެހެނިހެން ދެ މައްސަލަ މިދިޔަ މަހު ހުށަހެޅިއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 18 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ.
ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ޒަމާންތަކެއް ވަންދެން ހައްލު ނުލިބި އޮތް މައްސަލައެކެވެ. އޭގެ ތެރެއިން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާ މިންވަރު އިތުރުކަމަށް ހިސާބުތަކުން ދައްކައެވެ.