ކުޑަކުދިންނަށް އަނިޔާކުރި އިންޑޯ ޑޭކެއާ ޕްރިންސިޕަލް ފަސް އަހަރަށް ޖަލަށް!

އިންޑޮނޭޝިއާގެ ޑޭކެއާ ސެންޓަރެއްގެ ކުރީގެ ޕްރިންސިޕަލް އަނީތާ ޕަލޫޕީ އިންދަހްސާރީ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ޔޮގްޔަކާޓާގެ ފަނޑިޔާރު ސުނަރްޔަންތޯ އިއްޔެ ހުކުމްކުރައްވައިފިއެވެ.

މި ހުކުމް އިއްވާފައިވަނީ ހުއްދަ ނަގާފައި ނުވާ ލިޓްލް އަރޭޝާ ސެންޓަރުގައި ކުޑަކުދިންނަށް އަނިޔާކޮށް އިހުމާލުވި މައްސަލައާ ގުޅިގެންނެވެ. ޖަލު ހުކުމުގެ އިތުރުން، 510 މިލިއަން ރުޕިއާ (27،900 ޑޮލަރު ނުވަތަ 21،300 ޕައުންޑް) އިން އަނީތާ ޖޫރިމަނާކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުޑަކުދިންނަށް މެދުކެނޑުމެއްނެތި އަނިޔާކުރުމަށް އަނީތާ ފުރުސަތު ދީފައިވާ ކަމަށާއި، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ފަނޑިޔާރު ސުނަރްޔަންތޯ ވަނީ ކަނޑައަޅުއްވާފައެވެ. އަދި ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އޭނާގެ މުދާ ދައުލަތަށް ނަގައި ނީލަމުގައި ވިއްކާލެވޭނެ ކަމަށް ވެސް އެ ނޫސް އެޖެންސީން ބުނެއެވެ. ނަމަވެސް، ޕްރޮސިކިއުޓަރުން ކުރިން އެދިފައިވާ 10 އަހަރުގެ ޖަލު ހުކުމުގެ ދެބައިކުޅަ އެއްބަޔަށް އަދަބު ކުޑަވުމުން، އަނިޔާ ލިބުނު ބައެއް ކުދިންގެ އާއިލާތަކުން ވަނީ އެ ހުކުމަކީ ކުދިންނަށް ލިބުނު ނަފްސާނީ ގެއްލުމާ އެކަށީގެންވާ އަދަބެއް ނޫން ކަމަށް ދެކިފައެވެ.

އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވި ބެލެނިވެރިއެއް ކަމަށްވާ ޓްރީ ސުސިލަވަތީ ވަނީ، އެ މީހުން ކުދިންނާ މެދު ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު އެ އަދަބު އެކަށީގެން ނުވާ ކަމަށް ބުނެ، މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރުންގެ ކިބައިން އެދިފައެވެ.

މި މައްސަލާގައި އަނީތާގެ އިތުރުން އެ ސެންޓަރުގެ 11 މުވައްޒަފުންނާއި، ސެންޓަރު ހިންގާ ލިޓްލް އަރޭޝާ ފައުންޑޭޝަންގެ ޗެއާޕާސަން ދިޔާ ކުސުމަސްތޫތީގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ދިޔާގެ މައްޗަށް އަދި ހުކުމް އިއްވާފައި ނުވާއިރު، އޭނާ 10 އަހަރަށް ޖަލަށްލުމަށާއި 900 މިލިއަން ރުޕިއާއިން ޖޫރިމަނާކުރުމަށް ޕްރޮސިކިއުޓަރުން ވަނީ އެދިފައެވެ. ސެންޓަރުގައި ކުދިން ބެލެހެއްޓުމަށް ތިބި 11 މުވައްޒަފުން ފަސް އަހަރަށް ޖަލަށްލުމަށް ޕްރޮސިކިއުޓަރުން އެދުނު ނަމަވެސް، އެ މީހުންގެ މައްޗަށް އިއްވާފައިވަނީ ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެކެވެ.

ކުރިން އިއްވި މި ހުކުމްތަކަކީ އުންމީދުކުރި ވަރަށް ވުރެ މާ ކުޑަ އަދަބުތަކެއް ކަމަށް ބުނެ އާއިލާތަކުން އިހުތިޖާޖުކޮށްފައިވާއިރު، އަނިޔާ ލިބުނު ކުއްޖެއްގެ ބައްޕައެއް ކަމަށްވާ އިމީޑިއާ ދްވީ އަންޖާނީ ބުނީ އެއީ ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށެވެ.

ލިޓްލް އަރޭޝާ ސެންޓަރުގައި ކުދިންނަށް އަނިޔާކުރާކަން ފެންމަތިވީ، އެ ތަނުގައި ކުދިންނާ މެދު ލާއިންސާނީ ގޮތްގޮތަށް އަމަލުކުރާ ކަމަށް ބުނެ ކުރީގެ މުވައްޒަފަކު ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން މިދިޔަ އޭޕްރީލް މަހު އެ ތަން ބަލައި ފާސްކުރުމުންނެވެ. އެ އޮޕަރޭޝަނުގައި، ތުއްތު ކުދިންގެ އަތާއި ފައި ފޮތިތަކަކުން ބަނދެފައި ތިއްބާ ފެނިފައިވާއިރު، ގާތްގަނޑަކަށް ތިން މީޓަރު ހުންނަ ކުދިކުދި ކޮޓަރިތަކަށް 20 އަށް ވުރެ ގިނަ ކުދިން ވައްދާފައި ތިއްބާ ވެސް ފުލުހުންނަށް ފެނިފައިވެއެވެ. އެ ސެންޓަރުގައި ތިބި 103 ކުދިންގެ ތެރެއިން 53 ކުދިންނަށް ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށް ފުލުހުން ލަފާކުރެއެވެ.

އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޮގްޔަކާޓާގެ ފުލުހުންގެ ވެރިޔާ އީވާ ގުނާ ޕަންޑިއާ އެ ދުވަސްވަރު ވިދާޅުވީ، މުވައްޒަފުން ބައެއް ކުދިން ބަނދެފައި ބޭތިއްބީ އެހެން ކުދިންނަށް އުނދަގޫ ނުކުރުމަށް ކަމަށެވެ. ފުލުހުން އެ ތަން ބަލައި ފާސްކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ސެންޓަރު ވަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް