މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މި އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.52 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށްވުރެ 3.6 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި، ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ހުރީ 6،126ގައި ނަމަވެސް، މިހާރު އެ އަދަދު ހުރީ 5،904ގައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 279،410 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއި 218،445 ފަތުރުވެރިން އައިސްފައިވެއެވެ. އެ ލިސްޓުގައި އިތުރަށް ހިމެނޭ ގައުމުތަކަށް ބަލާއިރު:
- އިނގިރޭސިވިލާތް: 114،986 ފަތުރުވެރިން
- އިޓަލީ: 95،297 ފަތުރުވެރިން
- ޖަރުމަނު: 92،684 ފަތުރުވެރިން
- އިންޑިއާ: 85،818 ފަތުރުވެރިން
އެ ތަފާސްހިސާބުގައިވާ ގޮތުން، ހުރިހާ ފަތުރުވެރިންގެ ތެރެއިން 1.09 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓުތަކަށް ކަމަށްވާއިރު، ތިން ލައްކައަށްވުރެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އަދި ހޮޓެލްތަކަށް 34،000އަށް ވުރެ ގިނަ ފަތުރުވެރިން ގޮސްފައިވާއިރު، ޓޫރިސްޓު އުޅަނދުތަކުގައި 27،950 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖެއަށް މި އަހަރު އައި ފަތުރުވެރިންގެ އަދަދު މަދުވެފައިވަނީ، މިދިޔަ ފެބުރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައާ ގުޅިގެންނެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނައިރު ބޭނުންކުރާ މެދުއިރުމަތީގެ ރޫޓްތަކަށް ހަނގުރާމައިގެ އަސަރުކޮށް، ވައިގެ ދަތުރުފަތުރަށް ގިނަ ދުވަސްތަކެއް ވަންދެން ހުރަސްއެޅިފައި އޮތެވެ.
އެހެންނަމަވެސް މިހާރު ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނައިރު، މިދިޔަ މަހަކީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި މަސްކަން ފާހަގަކޮށްލެވެއެވެ.
ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން މި އަހަރުގެ ފަހު ސީޒަން ވާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ކާމިޔާބު ސީޒަނަކަށް ކަމަށާއި، މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުނުވާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.