އަންނަ މަހުން ފެށިގެން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންޓުން ތަމްސީލްކުރާ ބައެއް އެސޯސިއޭޝަންތަކުން ދިވެހި ސަރުކާރާއި މީރާގައި އެދިއްޖެއެވެ.
ޖީއެސްޓީ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވަނީ މިދިޔަ މަހުގެ 31 ގައެވެ.
މި އިސްލާހާ ގުޅިގެން ކުރިމަތިވާނެ މާލީ އަދި އިދާރީ ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފްރާންސްގެ ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާ 'ލޭޒް އަންޓްރްޕްރީޒް ޑޫ ވޮޔާޖް' (އީޑީވީ)، ވިޔަފާރި ޔޫނިއަން ސިންޑިކާ ޑެޒް އަންޓްރަޕްރީޒް ޑޫ ޓުއާ އޮޕަރޭޓިން (ސެޓޯ) އަދި އިޓަލީގެ ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ އެސްޓޯއީ ކޮންފިންޑޫސްޓްރިއާ ވިއާގީންނެވެ.
އިޓަލީގެ އެސްޓޮއިގެ ރައީސް ޕިއާ އެޒާޔާ ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ޓޫރިޒަމް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، އަހަރެއްގެ މައްޗަށް 153،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އިޓަލީ މާކެޓަކީ ދިވެހި ފަތުރުވެރިކަމުގެ މުހިންމު ސޯސް މާކެޓެއް ކަމަށެވެ.
އަދި ރާއްޖޭގެ މާލީ ސިޔާސަތު ކަނޑައެޅުމުގެ އިހުތިޔާރު އޮތް ނަމަވެސް، މި އިސްލާހު ތަންފީޒުކުރުމަށް ދީފައިވަނީ އެކަށީގެންނުވާ ކުރު މުއްދަތެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ ޖަމްއިއްޔާއިން ފާހަގަކުރި ގޮތުގައި، ގާނޫނަށް އަމަލުކުރަން ކަނޑައަޅާފައިވާ ތާރީޚު ކައިރިވެފައިވާއިރު ވެސް، ބޭރުގެ ފަރާތްތައް ރަޖިސްޓްރީވުމާއި، އިންވޮއިސް ހެދުމާއި، ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ފަދަ ކަންކަން ތަންފީޒުކުރާނެ އިދާރީ އަދި އަމަލީ އޮނިގަނޑެއް އަދިވެސް އެކުލަވާލެވިފައެއް ނުވެއެވެ.
މީގެއިތުރުން، ވައިގެ ދަތުރާއި އިންޝުއަރެންސް ފަދަ އެކި ހިދުމަތްތައް ހިމަނައިގެން ވިއްކާ ބައިނަލްއަގްވާމީ ޕެކޭޖް ދަތުރުތަކުން، ރާއްޖޭގެ ހިދުމަތަށް ނިސްބަތްވާ ޓެކްސް ނެގޭނެ އަގު ވަކިކޮށް ކަނޑައަޅާނެ ސާފު އުސޫލެއް ނެތުމަކީ ވެސް ބޮޑު ގޮންޖެހުމެއް ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކަށް ޖީއެސްޓީ ނިޒާމު ފުޅާކުރުމަށް ކަނޑައަޅާފައިވާ މާއްދާތައް އުވާލުމަށް ނުވަތަ އިސްލާހުކުރުމަށް ރިއާޔަތްކޮށްދިނުމަށާއި، މިކަން ތަންފީޒުކުރުމުގެ ތާވަލު އަލުން މުރާޖައާކޮށް، ފުރިހަމަ ކޮމްޕްލަޔަންސް އޮނިގަނޑެއް އެކުލަވާލެވެންދެން އައު މާއްދާތަކަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެސްޓޮއިން ވަނީ އެދިފައެވެ.
ޓުއަ އޮޕަރޭޓަރުން އެދުނު ކަންކަން:
- ދިވެހިރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކަށް ޖީއެސްޓީ ނިޒާމު ފުޅާކުރުމަށް ކަނޑައަޅާފައިވާ މާއްދާތައް އުވާލުމަށް ނުވަތަ އިސްލާހުކުރުމަށް ރިއާޔަތްކޮށްދިނުން.
- މިކަން ތަންފީޒުކުރުމުގެ ތާވަލު އަލުން މުރާޖައާކޮށްދިނުން، އަދި އެންމެ ކުޑަމިނުން، ފުރިހަމަ އަދި އަމަލުކުރެވޭ ފަދަ ކޮމްޕްލަޔަންސް އޮނިގަނޑެއް އެކުލަވާލައި، މިކަމުގެ އަސަރު ފޯރާ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި އެކަން އަންގައިދެވެންދެން، އައު މާއްދާތަކަށް އަމަލުކުރުން ފަސްކޮށްދިނުން.
މީގެއިތުރުން، އީޑީވީ އާއި ސެޓޯ ގުޅިގެން މީރާގެ ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، ހޮޓެލްތަކުގެ އަގުތައް އަހަރެއްހާ ދުވަސް ކުރިން ލިބި، ކުރިއަށް އޮތް ފިނި މޫސުން ނުވަތަ ޑިސެމްބަރު ސީޒަނަށް ޕެކޭޖުތައް މިހާރު ވިއްކާފައިވާ ކަމަށެވެ.
އަދި ޔޫރަޕިއަން ޔޫނިއަންގެ ހަރުކަށި ކޮންސިއުމާ ރައިޓްސް ޕްރޮޓެކްޝަން ގަވާއިދުތަކުގެ ސަބަބުން ވިއްކާފައިވާ ޕެކޭޖުތަކުގެ އަގު ބޮޑުކުރުމުގެ ގާނޫނީ ހުރަސްތަކެއް ހުރުމުން، އިތުރުވާ ޓެކްސްގެ ސަބަބުން ކުދި ޓުއާ އޮޕަރޭޓަރުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މިހާރު ވިއްކާފައިވާ ބުކިންތަކަށް ކުރީގެ އުސޫލުން އަމަލުކޮށްދިނުމަށާއި، ވިޔަފާރީގެ މިންވަރަށް ބެލުމެއްނެތި އެންމެން ޖީއެސްޓީއަށް ރަޖިސްޓްރީވާން ޖެހުމަކީ ކުދި އޮޕަރޭޓަރުންނަށް ބޮޑު އިދާރީ ބުރައަކަށްވާތީ ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ.
އަދި އިންޑަސްޓްރީއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން މި އިސްލާހަށް އަމަލުކުރުން 2027 ވަނަ އަހަރަށް ފަސްކޮށްދިނުމަށް އެ ޖަމްއިއްޔާތަކުން ވަނީ މީރާއަށް އިލްތިމާސްކޮށްފައެވެ.