ގޮޓް ޓު ގޯ މޯލްޑިވްސް އެޕަށް އެމް-ފައިސާގެ ޚިދުމަތް ތަޢާރަފުކޮށްފި

ދިވެހި ޓްރެވަލް ޕްލެޓްފޯމް "ގޮޓް ޓު ގޯ މޯލްޑިވްސް" އެޕަށް އެމް-ފައިސާގެ ޚިދުމަތް ގުޅާލައިފިކަން އުރީދޫ ފިންޓެކުން އިޢުލާނުކޮށްފިއެވެ.

އުރީދޫން ބުނި ގޮތުގައި މި ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ރޭވުމާއި ބުކިން ހެދުމުގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

"ގޮޓް ޓު ގޯ މޯލްޑިވްސް" އަކީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ފޯރުކޮށްދީ، ދަތުރުފަތުރު ކުރުން ފަސޭހަކޮށްދިނުމަށް ފަރުމާކޮށްފައިވާ އެޕެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ލޯންޗާއި އެތެރޭގެ އުދުހުންތަކުގެ ޓްރާންސްފާ ހަމަޖެއްސެއެވެ. މީގެ އިތުރުން، އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ތަފާތު ޙަރަކާތްތަކާއި ތަޖުރިބާތައް ބަލައިލައި، ބުކް ކުރުމުގެ ފުރުޞަތުވެސް ލިބެއެވެ. އޭގެ ތެރޭގައި ސްނޯކްލިން، ކޭމްޕިން އަދި ބޯޓު ޑައިވިން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

އެމް-ފައިސާ މި ޕްލެޓްފޯމާ ގުޅާލުމާއެކު، ބުކިންތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެއެވެ. އެގޮތުން، ދަތުރު ރޭވުމުން ފެށިގެން ފައިސާ ދެއްކުމާ ހަމައަށް ހުރިހާ ކަމެއް ފަސޭހަކަމާއެކު އެއްތަނަކުން ނިންމައިލުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ. މި ހުރިހާ ޚިދުމަތްތަކެއް އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ލިބެން ހުރުމަކީ، ރާއްޖޭގެ ރީތިކަން ބަލައިލުމަށާއި އައު ތަޖުރިބާތައް ހޯދުމަށް ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުޔެއް ކަމަށް އުރީދޫން ފާހަގަކުރެއެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން އެމް-ފައިސާގެ ވިއުގަ އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ވިޔަފާރިތަކާއި ޕްލެޓްފޯމްތަކުގައި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ. އުރީދޫ ފިންޓެކުން ބުނި ގޮތުގައި، "ގޮޓް ޓު ގޯ މޯލްޑިވްސް" ފަދަ ރާއްޖޭގައި އުފައްދާފައިވާ ޑިޖިޓަލް ޕްލެޓްފޯމްތަކާ އެމް-ފައިސާ ގުޅާލުމުގެ މައިގަނޑު އަމާޒަކީ ދިވެހި އުފެއްދުންތަކަށް ހިތްވަރުދީ، ކަސްޓަމަރުންނަށް ޑިޖިޓަލް މުޢާމަލާތްތައް ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.

comment ކޮމެންޓް