ސިޔާސީ ހުކުމެއް ކޮށް އޭނާ ޖަލަށް ލައިފާނެ ކަމަށާއި، ނަމަވެސް ތިނަދޫ ރައްޔިތުންގެ ހައްގުގައި ބަސް ވިދާޅުވުމުގައި އަބަދު ވެސް ދެމިހުންނަވާނެ ކަމަށް، އެ ސިޓީގެ މޭޔަރު ސަޢުދު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރު ޖެނެރަލުގެ އޮފީހުން ވަނީ ސަޢުދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިއުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ސަޢުދަށް ގިނަވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ކަން މިހެން އޮއްވައި ސަޢުދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ސަޢުދުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ، އެ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރަށް ރޭ ގޮވައިލައްވައިފައެވެ.
ސަޢުދު 'ސަން'އަށް މިއަދު ވިދާޅުވީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. ސިޔާސީ ގޮތުން އޭނާ ޖަލަށްލުން އެކަށީގެންވާ ކަމަށް ވިދާޅުވެ ސަޢުދު ވިދާޅުވީ، އެގޮތަށް ޖަލަށް ލަނީ ސަރުކާރު ބަލިކަށިވެފައި އޮތުމުން ކަމަށެވެ.
"ތިނަދޫ ރައްޔިތުން ތިބީ ހޭވައްލާ ތައްޔާރަށް، ރަނގަޅު ހެޔޮ ދުވަސްތަކެއް ކުރިއަށް އޮތީ،" ސަޢުދު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ ވަނީ 2024ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި އެލްޖީއޭއަށް ހުށަހަޅުއްވައިފައެވެ.
އެކަމަށް އިޝާރާތްކުރައްވައި ސަޢުދު ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާކުރަނީ ތިނަދޫ ތަމްސީލުކުރައްވާ "ކޮށި ވިސްނުމެއް"ގެ މެންބަރެއް ކަމަށެވެ.
"އަޅުގަނޑުމެން ތިނަދޫ ރައްޔިތުން ގަބޫލުކުރަނީ ދެވަނަ އިބްރާހީމް ނާޞިރު ކަމަށް އެ މެންބަރަކީ. އެހެންވީމާ އެ މީހަކު ބޭނުންވެގެން އެ މީހެއްގެ ސެޓިސްފެކްޝަނަށް ކުރާ ކަމަކަށް ސަރުކާރަށް ލިބޭނެ މޮޅެއް ނެތް،" ސަޢުދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާގެ އެއްވެސް ގޮނޑިއެއް ޕީއެންސީއަށް ނުލިބުނުކަން ފާހަގަކުރައްވައި ސަޢުދު ވިދާޅުވީ، ސިޔާސީ ސަކަރާތް ޖަހައިގެން ބަލިވާނީ ހަމަ ސަރުކާރު ކަމަށެވެ.
"ހައްގު ގޮތުގައި ބަސް ބުނާނަން! ތިނަދޫ ރައްޔިތުންގެ ދިފާއުގައި އަބަދު ވެސް މަސައްކަތްކުރާނަން! ތަރައްގީއަށްޓަކައި ކޮށްފައި ނުކުރާނެ އެއްވެސް މަސައްކަތެއް ދުލެއް ނުކުރާނަން،" ސަޢުދު ވިދާޅުވިއެވެ.