ރާއްޖޭގެ ޓޫރިސްޓް ކޮޓަރި ވިއްކާ ބޭރުގެ އޭޖެންސީތަކުގެ މައުލޫމާތު މީރާއަށް އަންގަން އެދެފި

މީރާގެ ކޮމިޝަނާ ޖެނެރަލް އާއި އެ އިދާރާގެ އިސްވެރިން-- ފޮޓޯ: މީރާ

ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ޓްރެވަލް އެޖެންސީތަކުން ރާއްޖޭގެ ރިސޯޓްތަކުގެ ކޮޓަރި ވިއްކުމުގައި މުއާމަލާތްކުރާ ބޭރުގެ އޭޖެންސީތަކާއި ބުކިން ޕްލެޓްފޯމްތަކުގެ މައުލޫމާތު ރިޕޯޓް ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓީޖީއެސްޓީ ދައްކާ ހުރިހާ ވިޔަފާރިތަކަށް އަންގައިފިއެވެ.

މީރާއިން ބުނި ގޮތުގައި އެ މައުލޫމާތު ހޯދުމުގެ މައިގަނޑު މަގުސަދަކީ ޖީއެސްޓީ ގާނޫނުގެ ދަށުން ރަޖިސްޓަރީވާންޖެހޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރީކޮށްފައިވޭތޯ ކަށަވަރުކުރުމެވެ.

ޖީއެސްޓީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައިވާ ގޮތުން، ރާއްޖެއަށް އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް ފޯރުކޮށްދިނުމާއި އެކަމާ ގުޅޭ ބުކިން ހިދުމަތްތަކަކީ ރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެއާ އެކު، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޓޫރިސްޓު އެނދުތައް ވިއްކާ ވިޔަފާރިތަކުން ވެސް މީރާއަށް ޓީޖީއެސްޓީ ދެއްކުން ލާޒިމްވާނެއެވެ.

މިއީ ކުރިން އޮންނަ އުސޫލެއް ނޫނެވެ.

ވިޔަފާރިތަކަށް ފޮނުވި ސާކިއުލާއެއްގައި މީރާއިން ބުނެފައި ވަނީ، ތަސްދީގުކުރި ޖީއެސްޓީ ގާނޫނުގެ އިސްލާހާ އެކު ރާއްޖޭގައި ދާއިމީ ތަނެއް ނުހުންނަ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް އޭޖެންސީތަކާއި ބެޑް ބޭންކުތައް ފަދަ ފަރާތްތައް ވެސް މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ.

އެކަން ކަށަވަރުކުރުމުގެ ގޮތުން ޓޫރިޒަމް ދާއިރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެ ފަރާތްތަކާއެކު މުއާމަލާތްކުރާ ބޭރުގެ އޭޖެންސީތަކުގެ މައުލޫމާތު، އަންނަ އާދިއްތަ ދުވަހުގެ ކުރިން މީރާގެ އިންފޮމޭޝަން ސަބްމިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ބޭރުގެ ޓްރެވަލް އެޖެންސީތަކުން ޓެކްސް ނަގާ މި އިސްލާހާ ގުޅިގެން ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ ކަމަށްވާ މަޓާޓޯއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

https://www.sun.mv/226568

މި އިސްލާހު ފާސްކުރުމުގެ ކުރިން މަޓާޓޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އިސްލާހުގެ ސަބަބުން ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކަށް އަސަރުކުރާ މިފަދަ ބޮޑު ބަދަލެއް ގެންނައިރު، ދާއިރާގެ މަސްލަހަތުވެރިންނާއެކު އެކަށީގެންވާ މަޝްވަރާއެއް ކޮށްފައި ނުވާކަން މަޓާޓޯއިން ފާހަގަކުރިއެވެ.

އޭގެ އިތުރުން ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ހުރިހާ އެޖެންޓުން މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ ތަންފީޒުކުރަން އުނދަގޫ ކަމެއް ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި ބޭރުގެ އެތައް ހާސް ބައިވެރިންނެއް ޓެކްސް ގަވާއިދުތަކަށް ހޭލުންތެރިކުރުވައި، ބެލެހެއްޓުމުގެ ޒިންމާ ދިވެހި އެޖެންޓުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.

މި ކަންކަމުގެ ސަބަބުން ބޭރުގެ އެޖެންޓުން ރާއްޖެ އިސްތިހާރުކުރުން މަދުކޮށް، އެހެން ގައުމުތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު އޮތުމުން، އޭގެ ގެއްލުން އެންމެ ފުރަތަމަ ކުރާނީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް މަޓާޓޯއިން ބުންޏެވެ.

ހަމައެއާއެކު އަންނަ އޮކްޓޫބަރު މަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ނިންމާފައި ވާއިރު، ކުރިއަށް އޮތް ޓޫރިޒަމް ސީޒަނަށް ބުކިންތަކާއި ކޮންޓްރެކްޓްތައް މިހާރު ވަނީ ނިމިފައި ކަމުން މިއީ އިތުރު މާލީ ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި ޓެކްސް ނެގުމުގެ ބޭނުމަށް ރާއްޖޭގެ އެޖެންޓުންގެ ބޭރުގެ ވިޔަފާރި ބައިވެރިންގެ ތަފްސީލީ މައުލޫމާތު ފޯރުކޮށްދޭން ޖެހޭތީ އެކަމާ ވެސް މަޓާޓޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޓާޓޯއިން ވަނީ ދައުލަތަށް އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތުގައި ދިވެހި އެޖެންޓުން "ގުރުބާން" ނުކުރުމަށް ގޮވާލާފައެވެ. އަދި މި އިސްލާހަށް އަމަލުކުރުން ފަސްކޮށް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެކަށީގެންވާ އިންތިގާލީ މުއްދަތެއް ދިނުމަށް ސަރުކާރަށާއި މީރާއަށް އިލްތިމާސްކޮށްފައިވެއެވެ.

ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނެގުމުގެ އިތުރުން ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީން 40 ޕަސެންޓް މާރު ކުރަން މަޖުބޫރުވާ އިސްލާހު ވެސް އިއްޔެ ތަސްދީގުކޮށް މިއަދު ވަނީ އަމަލު ކުރަން ފަށައިފައެވެ. މި އިސްލާހު ވެސް ސަރުކާރުން ގެނައީ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ނަމަވެސް އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ އިސްލާހު ތަސްދީގު ކުރެއްވުމަށް ފަހު ވިދާޅުވީ އާމްދަނީއިން 40 ޕަސެންޓް މާރުކުރަން ދަތި ރިސޯޓެއް ނޯންނާނެ ކަމަށެވެ. އަދި އެކަން ކުރުމާއެކު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް