ކުއްޖަކު ވެއްޓުނު މައްސަލަ: ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރުނުކުރަން ފުލުހުން އިލްތިމާސްކޮށްފި

ހުޅުމާލޭގެ ފުލެޓްތައް ހުންނަ ސަރަހައްދު --- ސަން ފޮޓޯ

އަމާން އުދަރެސް ޓަވަރަކުން މިއަދު މެންދުރު ކުޑަކުއްޖަކު ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، މި ވީޑިއޯ އިތުރަށް ދައުރު ނުކުރުމަށާއި ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި ޕޭޖުތަކުން އަދި ގްރޫޕުތަކުން އެ ވީޑިއޯ ނެގުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންނަށް މި ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު 11:35 އެހައިކަންހާއިރެވެ.

ފުލުހުން ބުނި ގޮތުގައި ވެއްޓިފައި ވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުންނާއި އަންހެނުންތަކެއް ހަރަކާތްތެރިވަމުން ދިޔަ މަންޒަރާއި، ކުއްޖާގެ ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ވީޑިއޯ އެކީ މީހުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުކުރަމުން ގެންދާ މިދަނޑިވަޅުގައި ފުލުހުން ވަނީ އެ ވީޑިއޯ އިތުރަށް ނުފެތުރުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ.

"ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުން. މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

https://sun.mv/226746

ފުލުހުން ބުނީ މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ނާޒުކު އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފުލުހުން ބުންޏެވެ.

ވީމާ، މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުން ވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށާއި، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް