މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކ. ކާށިދޫއިން ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކ. ކާށިދޫއިން ހައްޔަރުކުރި ފަސް މީހުން --- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކ. ކާށިދޫއިން ފަސް މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތުޖަހާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ، ގ. މާލެހިޔާ 2 02-13، މާލެ، އުމުރުން 29 އަހަރުގެ މަދީޙް ރަޝީދާއި ގދ. ރަތަފަންދޫ، ދިލްޝާދުގެ، އުމުރުން 26 އަހަރުގެ ޣާނިމް މުފީދާއި ކ. ކާށިދޫ، ރިހިތަރި، އުމުރުން 30 އަހަރުގެ މުޙައްމަދު އަޙުދެވެ.

މީގެ އިތުރުން ކާށިދޫ ރެޑިއަމްގެ، އުމުރުން 47 އަހަރުގެ ޢަބްދުލްޢަލީމް މުޙައްމަދާއި އެ ރަށު ޝަބްނަމްގެ، އުމުރުން 22 އަހަރުގެ ނަޒާން މުޙައްމަދު ޝާކިރު ވެސް ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 30 ވަނަ ދުވަހު ކަމަށެވެ.

އެ އޮޕަރޭޝަންގައި ކާށިދޫ 10 ގެއެއް ބަަލައިފާސްކޮށް 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަކަމަށާއި އޭގެ ތެރެއިން ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި އަނެއް ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އޭގެތެރެއިން އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި މުޙައްމަދު އަޙުދާއި ޣާނިމް މުފީދުގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޢަބްދުލްޢަލީމް މުޙައްމަދާއި މަދީޙް ރަޝީދުގެ އިތުރުން ނަޒާން މުޙައްމަދު ޝާކިރުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 32.55 ގުރާމު ހުރިކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކަކީ މިހާރު ވަރަށް އާންމުވެފައިވާ މައްސަލަތަކެކެވެ.

comment ކޮމެންޓް