މީހަކު މަރާލަން ހަމަލާދިން މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުރި އިސްމާއިލް އާސިފް މިނިވަންވީ، މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އޭނާގެ ހުކުމަށް މައާފްދެއްވުމުންކަން އެނގިއްޖެއެވެ.
އާސިފްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއީ 2019 ވަނަ އަހަރު އއ. މާޅޮހު ބޭރުގައި އޮތް 'ޖަރީ' ނަމަކަށް ކިޔާ ދޯނީގެ ތެރޭގައި ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ދީނީ ދެބަސްވުމެއްގައި، އިސްމާއިލް ހައްމާދު ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގަ އެވެ.
އެ ހަމަލާގައި ހައްމާދުގެ ބޮލަށާއި، ކޮލަށާއި، ބުރަކައްޓަށް ބޮޑެތި ޒަހަމްތަކެއް ދިނުމަށްފަހު އާސިފް ވަނީ އޭނާ މޫދަށް އެއްލާލާފައެވެ.
"ސަން" އަށް އެނގުނު ގޮތުގައި، ރައީސް ޞާލިޙް އާސިފްގެ ހުކުމަށް ލުއި ދެއްވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގައެވެ. އެއީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު، ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.
އޭރު ރައީސް ޞާލިޙު ވަނީ އާސިފްގެ ބާކީ އޮތް ހުކުމުގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދެއްވައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ގައި އޭނާ މިނިވަންކޮށްދީފައެވެ.
މިނިވަންވުމަށްފަހު ވެސް އާސިފްގެ ފަރާތުން ނުރައްކާތެރި ކުށްތައް ފެނިފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ބޮލަށް ކަތިވަޅިއެއް ހަރައިލި މައްސަލައިގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ މަހު މާލޭގެ ގެއަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ވެސް 36 އަހަރުގެ އާސިފް ވަނީ މިހާރު ހައްޔަރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޞާލިޙުގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްޑީ އަބްދުﷲ ޒިޔަތަށް ވެސް ވަނީ މައާފްދެއްވައި މިނިވަން ކޮށްފައެވެ.