މިއީ އަމިއްލަ ނަން ކޮޅަށްޖެހުމާއި، ސޯޝަލް މީޑިއާ ފީޑްތަކަކީ ވަޒީފާގެ ވަނަވަރުގެ ގޮތުގައި ބެލެވޭ ޒަމާނެކެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދަނީ "ވެނިޓީ އެވޯޑް" ނުވަތަ ދެއްކުންތެރިކަމުގެ އިނާމުތަކުގެ ނަމުގައި ހިންގާ ޒަމާނީ އޮޅުވާލުމެކެވެ. މިއީ މޫނުމަތީގައި ހުންނަ އައިބުތައް ވަގުތީ ގޮތުން ފޮރުވުމަށް ޕްލާސްޓިކް ސާޖަރީއަކަށް ފައިސާ ދިނުން ފަދަ ކަމެކެވެ. ހައްގު މަގާމާއި މަސައްކަތުން ކާމިޔާބީ ހޯދުމުގެ ބަދަލުގައި، ފައިސާ ދީގެން ޝަރަފުވެރިކަން ގަތުމަކީ މިހާރުގެ އާދައަކަށް ވެއްޖެއެވެ.
އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، މިއީ މިހާރު ފައިދާ ބޮޑު ވިޔަފާރިއެކެވެ. މި ދިވެހިރާއްޖޭގައި ވެސް މަދުން ނަމަވެސް މިކަން ހިނގައެވެ. ރާއްޖެއިން ބޭރުންނާއި ރާއްޖެއިން އެއްލައި މިފަދަ ކެހިވެރި ދަލުގައި ޖެހޭ މީހުން ވެސް ނިސްބަތުން މަދެއް ނޫނެވެ. މިއީ މީހުންގެ ތައުރީފަށް ބޭނުންވެފައިވާ މިންވަރުގެ ނާޖާއިޒު ފައިދާ ނަގައިގެން، "މޮޅުވުމަކީ" ވިއްކާ މުދަލަކަށް ހަދައި، "ޢިއްޒަތަކީ" މާކެޓިންގ ބަޖެޓެއްގެ ތެރެއިން ގަނެވޭ އެއްޗަކަށް ހަދައިލުމެވެ.
މި ދަލުގެ މަޅި ޖަހާ ގޮތް
މިފަދަ އެވޯޑްތަކުގެ ވިޔަފާރި މޮޑެލް ވަރަށް ސާދާއެވެ. ޝަރަފަށްވުރެ ފައިދާ އިސްކުރުމެވެ. ހަގީގީ އެވޯޑްތަކާ (މިސާލަކަށް ޕުލިޓްޒާ ނުވަތަ ދާއިރާގެ މާހިރުން ދޭ އިނާމުތައް) ޚިލާފަށް، މިފަދަ ހަފްލާތައް ހިންގަނީ ވަކި އުސޫލަކުންނެވެ.
ކުއްލިއަކަށް ތިބާއަށް އީމެއިލެއް ނުވަތަ މެސެޖެއް ލިބޭނެއެވެ. އޭގައި ބުނާނީ ތިބާއަކީ "އަހަރުގެ އެންމެ މޮޅު ވިޔަފާރިވެރިޔާ" ނުވަތަ "އެންމެ ނުފޫޒުގަދަ 50 ލީޑަރުންގެ" ލިސްޓަށް ހޮވިފައިވާ މީހެއް ކަމަށެވެ.
ތިބާ މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުން، އަސްލު މައްސަލަ ފެންމަތިވާނެއެވެ. އެވޯޑަކީ "ހިލޭ" އެއްޗަކަށް ވިޔަސް، "އެޑްމިނިސްޓްރޭޓިވް ފީ" އެއް، ނުވަތަ އެވޯޑްގެ ލައިސަންސް ފީއެއް، ނުވަތަ ހަފްލާގައި ބައިވެރިވުމަށް ބޮޑު އަގުގައި "ސްޕޮންސާޝިޕް ޕެކޭޖެއް" ގަންނަން ޖެހޭނެއެވެ.
އިންތިޒާމުކުރާ ފަރާތްތަކުން ބުނާނީ މިއީ ތިބާގެ ބްރޭންޑް ކުރިއަރުވަން ކުރާ "އިންވެސްޓްމަންޓެއް" ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެ ހަފްލާއަށް ގޮސް ތިބޭނީ ހަމަ ތިބާ ފަދައިން އެވޯޑް ގަނެގެން ތިބި މީހުން އެކަންޏެވެ.
ކާމިޔާބީގެ ދަޅަ
ބައެއް މީހުން ސޯޝަލް މީޑިއާގައި، ބޮޑު ހަފްލާއެއްގެ ތެރެއިން ރަން ކުލަ ޖެއްސި ތަށިތަކެއް ހިފައިގެން ތިބޭ ފޮޓޯތައް ފެނެއެވެ. ބަލާބެލުމަށް މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަމަކު މިއީ ހަމައެކަނި ފައިސާގެ މުޢާމަލާތެކެވެ.
މިގޮތަށް ޝަރަފުވެރިކަން ގަތުމުން، އެވޯޑެއްގެ އަސްލު މަގްސަދު ގެއްލިގެންދެއެވެ.
މިފަދަ އެވޯޑް ލިބޭ މީހާ ކުރާކަމަކީ، އެއްވެސް މާހިރެއްގެ ކުރިމަތީގައި ސާބިތުކޮށްނުދޭ "މޮޅުކަމެއްގެ" ކްރެޑިޓް ނަގަނީއެވެ. އަދި ސްޕޮންސަރުން އެއްވެސް އަގެއް ނެތް ހަފްލާތަކަކަށް ފައިސާ އޮއްސަނީ އެއީ ވަރަށް މަތީ ފަންތީގެ ކަމެއް ކަމަށް ހީކޮށްގެންނެވެ. އާންމުން ކުރާކަމަކީ އެވޯޑް ލިބިފައިވާ މީހާ ނުވަތަ ކުންފުންޏަކީ އެންމެ މޮޅު ފަރާތް ކަމަށް ހީކޮށް އޮޅުވާލުމެއް ހަގީގަތަކަށް ހަދަނީއެވެ.
ސަމާލުވާންވީ ކަންތައްތައް
1. އެވޯޑެއް ގަބޫލުކުރުމުގެ ކުރިން އެވޯޑަށް ހޮވޭ ގޮތަށް ބަލާށެވެ. ހަގީގީ އެވޯޑެއް ނަމަ ހޮވާނީ ދާއިރާގެ މާހިރުން ނުވަތަ ފަނޑިޔާރުން ބަލައިފައެވެ. ގަންނަ އެވޯޑެއް ނަމަ ހޮވާނީ އަމިއްލަ ދިރާސާއަކުން ހޮވިފައިވާ ކަމަށް ބުނެ އެފަރާތުން ގުޅައިގެންނެވެ.
2. ހަގީގީ އެވޯޑްތަކުގައި ބައިވެރިވުމަށް ކުޑަ ފީއެއް ދައްކަންޖެހިދާނެއެވެ. ނަމަވެސް ގަންނަ އެވޯޑްތަކުގައި ‘ވިނާ ޕެކޭޖް’ގެ ނަމުގައި ނުވަތަ އިންވެސްޓްމަންޓްގެ ނަމުގައި ބޮޑު އަގެއް ދައްކަންޖެހެއެވެ.
3. ހަގީގީ އެވޯޑެއް ނަމަ އެވޯޑަށް ހޮވުނުމިންގަނޑު ސާފުކޮށް ބަޔާންކޮށްފައި އޮންނާނެއެވެ. ނަމަވެސް ގަންނަ އެވޯޑްތަކުގައި އެކަން ސާފެއް ނުވާނެއެވެ. ބައިވެރިވި އެންމެނަށް ކަހަލަ ގޮތަކަށް އެވޯޑް ދޭނެއެވެ.
4. ހަގީގީ އެވޯޑްތަކުގައި މައުލޫމާތު ދޭނީ ވަރަށް ސާފުވާނެގޮތަށް ވަރަށް އިޙްތިރާމާއެކުއެވެ. ގަންނަ އެވޯޑްތަކުގައި އެކަން ކުރާނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އަބަދުވެސް ލަސްވެގެން ފައިސާ ދެއްކުން އަވަސް ކުރަން ބުނާނެއެވެ.
އާންމުންނަށް މެސެޖެއް
"ޢިއްޒަތް ވިއްކުމަކީ" ހަގީގީ މަސައްކަތްތެރިންގެ އަގު ވައްޓާލަން ކުރާ ކަމެކެވެ. މިފަދަ ގަނެފައިވާ އެވޯޑްތަކަށް ސާބަސް ދިނުމަކީ، އަޅުގަނޑުމެންވެސް އެ ދޮގު ސަގާފަތުގައި ބައިވެރިވުމެވެ.
ހަގީގީ ޝަރަފަކީ އިންވޮއިސްއެއް ފޮނުވައިގެން ލިބޭނެ އެއްޗެއް ނޫނެވެ. އެއީ ކަސްޓަމަރުންގެ އިތުބާރާއި، ކުރާ މަސައްކަތުގެ ފެންވަރާއި، އަދި ނުފޫޒަކާ ނުލައި ލިބޭ ބަލައިގަތުމެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި، އެއްވެސް ދެއްކުންތެރިކަމެއް ނެތި، ނުހަނު އިޚްލާސްތެރިކަމާއެކު ގައުމަށާއި ދާއިރާއަށް ޚިދުމަތްކުރާ ހަގީގީ ކާމިޔާބު ފަރާތްތައް އެބަތިއްބެވެ. އެއީ ހަގީގީ ޝަރަފާއި، އައްޑަނައާއި، ރަނގަޅު ފެންވަރުގެ ބަލައިގަތުމަށް އެންމެ ހައްގުވެގެންވާ ފަރާތްތަކެވެ. ނަމަވެސް، ހިތާމައަކީ މިފަދަ އަގުހުރި ހަގީގީ ހުނަރުވެރިން އެއްވެސް ފާހަގަކުރުމެއް ނެތި އަޅުގަނޑުމެންނާ ވަކިވެގެންދާ ދިއުމެވެ.
މިއީ ހަގީގީ މަސައްކަތާއި، ދަލާއި، ހިތްވަރުގެ އަގު ވަޒަންކުރާނެ އިޚްލާސްތެރި ސްޕޮންސަރުންނާއި މުއައްސަސާތައް ހޯދަންވީ ވަގުތެވެ. ދޮގު އިޝްތިހާރުތަކަށާއި، ފައިސާއަށް ވިއްކާ ލަގަބުތަކުގެ މަޅީގައި ނުޖެހޭށެވެ. އަދި ގަސްދުގައި ހިންގާ މިފަދަ ނުބައި އޮޅުވާލުންތަކަށް ސްޕޮންސަރުންގެ ގޮތުގައި އެހީތެރިވެ، އެކަންކަމަށް ހިތްވަރު ނުދޭށެވެ. އަޅުގަނޑުމެން އިސްކަންދޭންވީ ފައިސާއަށް ގަންނަ "ޕްލާސްޓިކް" ޝަރަފަކަށް ނޫނެވެ؛ އޭގެ ބަދަލުގައި، ހަގީގީ އުފެއްދުންތެރިކަމާއި، މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކަށް ހައްގުވާ މިންވަރު ހޯދައިދިނުމަށެވެ.
ދެން ފަހަރަކުން ސޯޝަލް މީޑިއާގައި އެވޯޑެއް ފެނުމުން އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. މިއީ ބުރަ މަސައްކަތުން ހޯދި އެއްޗެއް ހެއްޔެވެ؟ ނުވަތަ ފައިސާ ދީފައި ކުންފުންޏަކުން ގަތް އެއްޗެއް ހެއްޔެވެ؟ ތިބާގެ ބުރަ މަސައްކަތުން ހޯދާ ފައިސާ، މީހެއްގެ ފޭކް މަޝްހޫރުކަމަށްޓަކައި ހޭދަނުކުރާށެވެ. ހަގީގީ ކާމިޔާބީއަކީ އޭގެ މުއްދަތު ހަމަނުވާނެ ހަމައެކަނި ފާހަގަކުރުމެވެ.