ލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނަރުގެ އަދަދު 4،000އިން 1،741އަށް ދަށްކުރެވިއްޖެ: ސައީދު

މާލޭ ބަނދަރު: ސައީދު ވިދާޅުވީ މިހާރު ލަންކާގައި ތާށިވެފައި ހުރީ 1،741 ކޮންޓެއިނަރު ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސްރީލަންކާގެ ކޮލޮމްބޯ ބަނދަރުގައި ރާއްޖެ ނުގެނެވި ތާށިވެފައި ހުރި 4000 ކޮންޓެއިނަރުގެ ތެރެއިން ގިނަ ކޮންޓެއިނަރުތައް މިހާރު ރާއްޖެ ގެނެވި، އެ އަދަދު 1741 އަށް ދަށްކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ހަފުތާގައި އިތުރު 2500 ކޮންޓެއިނަރު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު މުދާ އެތެރެކުރި މިންވަރު 19 އިންސައްތަ އިތުރުވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

  • ލަންކާގައި ތާށިވެފައި ހުރި 4000 ކޮންޓެއިނަރުގެ ތެރެއިން ބާކީ ހުރީ 1741 ކޮންޓެއިނަރު
  • މި ހަފުތާ ތެރޭގައި އިތުރު 2500 ކޮންޓެއިނަރު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައި
  • މި އަހަރުގެ ފުރަތަމަ ތިން މަހު މުދާ އެތެރެކުރި މިންވަރު 19 އިންސައްތަ ވަނީ އިތުރުވެފައި
  • ކިރާއި ސަން ފްލާވާ ތެޔޮ ފަދަ އަސާސީ ކާބޯތަކެތި ގެނައުމަށް ވަނީ އިސްކަންދީފައި

އަވައްޓެރި ސްރީލަންކާގެ ޕޯޓުގައި ރާއްޖެ ނުގެނެވިފައި ހުރި ހަތަރުހާހެއްހައި ކޮންޓެއިނަރުގެ ތެރެއިން ގިނަ އަދަދެއްގެ ކޮންޓެއިނަރު މިހާރު ރާއްޖެ ގެނެސްފައިވާއިރު، ބާކީ ހުރީ 1،741 ކޮންޓެއިނަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ބެއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ސައީދު ވަނީ މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގައި ދަތިތައް ދިމާވެފައިވާއިރު، ލަންކާގެ ކޮލޮމްބޯ ޕޯޓުގައި ރާއްޖެ ނުގެނެވި 4،200 ކޮންޓެނިއަރު އެބަ ހުރި ކަމަށެވެ. އޭގެ ތެރެއިން 80 ކޮންޓެނިއަރު އަވަސް ކުރުމަށް ވިޔަފާރިވެރިން އެދިފައިވާކަމަށް އޭރު އޭނާ ވިދާޅުވެފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުންނާއި އެކި ސަބަބުތަކާހުރެ ލަންކާގެ ބަނދަރުގައި ތާށިވެފައިވާ ކޮންޓެއިނަރުތައް މިހާރު ކްލިއާވަމުން އަންނަ ކަމަށެވެ.

https://sun.mv/220322

ހަނގުރާމައަށް 43 ދުވަސްވީއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން، ސްރީލަންކާގައި މިހާރު ނުގެނެވި ތާށިވެފައިހުރީ 1،741 ކޮންޓެއިނަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މި ވަގުތު މާލޭ ބަނދަރުގަ އޮތް އުޅަނދުގައި އެބައިން 1،200 ކޮންޓެއިނަރުގެ މުދާ. ދެން މި ހަފުތާތެރޭގައި 2،500 ކޮންޓެއިނަރު މާލެއަށް އައުމަށް ހަމަޖެހިފައިވާއިރު، 12 އޭޕްރިލްގަ 500 ކޮންޓެއިނަރުގެ މުދާ، އަދި 13 އޭޕްރިލްގައި އަނެއްކާވެސް 500 ކޮންޓެއިނަރު، 14 އޭޕްރީލްގައި 1000 ކޮންޓެއިނަރުގެ އިތުރަށް 500 ޓީއީޔޫގެ އެއް އުޅަނދު އިތުރަށްވެސް އަންނާނެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް މުދާ އިމްޕޯޓް ކުރި މިންވަރާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި އިމްޕޯޓްތައް 19 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ އެއާލައިންތަކުގެ ދަތުރުތައް އިތުރުވުމުގެ ސަބަބުން އެއާ ކާގޯގެ އިތުރުން އެއާފްރައިޓްކޮށް ރާއްޖެއަށް މުދާ ގެނައުމަށްވެސް އިތުރު ލުއިތަކެއް ލިބިފައި ވާކަން ފާހަގަކުރައްވާފައެވެ. އަދި ކޮލޮމްބޯގައި ލަސްވެފައިވާ ބައެއް ވިޔަފާރިވެރިންގެ މުދާ އަވަސްކުރުމުގެ ގޮތުން ވިޔަފާރިވެރިންނާއެކު ވެސް ވަރަށް ގާތުން މަސައްކަތް ކޮށްފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ސައީދު ވިދާޅުވީ މިހާރު ލަންކާގައި ތާށިވެފައި ހުރީ 1،741 ކޮންޓެއިނަރު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މީގެ ކުރީންވެސް އޭނާ ވަނީ ވިޔަފާރި ބަނދަރަށް އަންނަ ދަތިތަކާއި މުދާ ނުގެނެވި ގިނަ ދުވަސްވާތީ، ބާޒާރަށް އަންނަ ގޮންޖެހުންތައް ހައްލުކުރުމަށް ވިޔަފާރިވެރިންނާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، އަސާސީ ކާބޯތަކެތީގެ ދެ ބާވަތެއްގެ މުދާ ތަންކޮޅެއް އަވަހަށް ގެނައުމަށް އެދިފައިވާ ކަމަށާއި އެ ކަމަށް އިސްކަންދެމުން އަންނަ ކަމަށް ސައީދު އޭރު ވިދާޅުވިއެވެ. އެއީ، ކިރާއި ސަން ފްލާވާ ތެޔޮ ކަމަށްވާއިރު، އަސާސީ ކާބޯތަކެތި ހުސްވިޔަ ނުދިނުމަށް މަސައްކަތް ކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް