ދުވަހުގެ ބޮޑު ބައި ހިޔާގެ ބޮޑު އާބާދީއަކަށް ކަރަންޓު ނުލިބި: ގަދަ ހޫނުގައި، އިވެނީ ކުޑަކުދިންގެ ރުއިމުގެ އަޑު!

ހިޔާ ޓަވަރުތަކުގައި ކަރަންޓު ކެނޑިފައި: ކަރަންޓު ކެނޑުނީ ދެވަނަ ފިޔަވަހީގެ މައި ކޭބަލަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން ބުނޭ -- ސަން ފޮޓޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުން ގިނަ އިރުތަކަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. ކަރަންޓު ކެނޑުމަށް މެދުވެރިވީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން މައި ކޭބަލަކަށް ގެއްލުން ލިބުމުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ލިފްޓުތައް ހުއްޓިފައިވުމާއި ގަދަ ހޫނުގެ ސަބަބުން އާންމުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.

  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގިނަ ޓަވަރުތަކަކުން ހަތް ގަޑިއިރަށްވުރެ ގިނަ އިރަށް ކަރަންޓު ކެނޑުން.
  • ކަރަންޓު ކެނޑެން މެދުވެރިވީ ކޮނުމުގެ ތެރޭގައި މައި ކޭބަލަށް ގެއްލުން ލިބިގެން ކަމަށް ބެލެވުން.
  • ލިފްޓުތައް މަސައްކަތް ނުކުރުމުގެ ސަބަބުން މަތީ ފަންގިފިލާތަކަށް އެރުމަށް އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވުން.
  • ގަދަ ހޫނުގެ ސަބަބުން ކުޑަކުދިންނާއި، ބަލި މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް އިންތިހާއަށް އުނދަގޫވުން.
  • ކަރަންޓު އަލުން ދެވޭނެ ސީދާ ވަގުތެއް ސްޓެލްކޯއަށް އަދި ކަށަވަރުކޮށް ނުދެވުން.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައި ހުންނަތާ ހަތް ގަޑިއިރުވެ، ގިނަ އަދަދެއްގެ މީހުން ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެކި ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް މެންދުރުފަހު ބައެއް މީހުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ރިޕޯޓުތަކާއެކު، ސްޓެލްކޯއިން 15:21ގައި ވަނީ މައްސަލަ ހައްލުކޮށް ކަރަންޓު އަލުން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

"ސަން"އަށް މައުލޫމާތު ލިބުނު ގޮތުގައި އޭރު ކަރަންޓު ކެނޑުނީ ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަަރަންޓު ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މައުލޫމާތު ދީފައިވެއެވެ.

ހިޔާ ޓަވަރު އެކެއްގައި ދިރިއުޅޭ މީހަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އެ ޓަވަރުން ކަރަންޓު ކެނޑުމުން، މިއަދު ހަވީރު ބޭނުންކުރެވެން ހުރީ އެއް ލިފްޓެވެ. ހަވީރު ވަގުތަކީ ގިނަ އަދަދެއްގެ މީހުން އޮފީހުން އަންނަ އަދި ސްކޫލް ކުދިން ވެސް ގެޔަށް އަންނަ ވަގުތު ކަމުން، ލިފްޓު ކިޔޫ ވަރަށް ދިގުވިކަން އޭނާ ފާހަގަކުރިއެވެ.

އޭގެ ސަބަބުން ބައެއް މީހުން ސިޑިން މައްޗަށް އެރިއިރު، ގިނަ ބަޔަކު ޓަވަރުތައް ކައިރީ އޮންނަ ހުސްބިންތަކުގައި މަޑުކުރި ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އެ މީހުން މަޑުކުރީ، ކަރަންޓު އަވަހަށް އަންނާނެ ކަމުގެ އުއްމީދުގައި ނަމަވެސް، ކަރަންޓު ނުލިބި ހަވީރާއި ރޭގަނޑު ވެސް ވަރަށް ގިނައިރު ތިބެން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ހިޔާގެ ބައެއް ފުލެޓުތަކަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް، ބޮޑެތި އާއިލާތައް ވެސް ދިރިއުޅޭ ފުލެޓުތައް ކަމުން، ގިނައިރު ކަރަންޓު ނުލިބުމުން އެތައް ދަތިތަކާ ކުރިމަތިވިކަން މީހުން ފާހަގަކުރެއެވެ.

ހިޔާ ޓަވަރެއްގެ 22 ވަނަ ފަންގިފިލާގައި ދިރިއުޅޭ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި، ކަރަންޓު ކެނޑުމުގެ ސަބަބުން ވަރަށް ހޫނުވި ނަމަވެސް، އެހާ މަތީ ފަންގިފިލާއެއްގައި ހުރުމުން ސިޑިން ފޭބުމަށް ވެސް ވަނީ ދަތިވެފައެވެ.

ހިޔާ ޓަވަރުތަކުގައި ކަރަންޓު ކެނޑިފައި: ކަރަންޓު ކެނޑުނީ ދެވަނަ ފިޔަވަހީގެ މައި ކޭބަލަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން ބުނޭ -- ސަން ފޮޓޯ

އޭނާއަކީ ވަރަށް ފަހުން އަތުގެ ސާޖަރީއެއް ހަދައި، ޕްލާސްޓާ ލައްވާފައިވާ މީހެއް ކަމުން، ދިމާވާ ދަތިތައް އިތުރުވެފައިވާކަން ފާހަގަކުރިއެވެ.

"ހޫނުވެގެން ދާހިއްލީމަ ޕްލާސްޓާ އަޅައިފައި އޮތް އަތް ހިރުވާ ވަރުން ކެތްނުވެގެން މި އުޅެނީ.. މި ޓަވަރުން ކުޑަކުދިން ރޯ އަޑު ވެސް ވަރަށް އިވޭ،" އޭނާ ކިޔައިދިނެވެ.

ރޭގަނޑުވެ އަނދިރިވުމުން، ހިޔާ ޓަވަރުތަކުގެ ސިޑިން އަރައި ފޭބުމަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ކަރަންޓު ކެނޑުނު މައްސަލައާ ގުޅޭ ގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، މައްސަލަ ދިމާވީ ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދޭން އަޅައިފައިވާ މައި ކޭބަލަކަށް ގެއްލުންވުމުން ކަމަށެވެ. އެ ކޭބަލަށް ގެއްލުންވީ، ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://sun.mv/220520

އެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދެވޭނީ ކިހާއިރަކު ކަމެއް ސްޓެލްކޯއިން ބުނެފައެއްނުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.

comment ކޮމެންޓް