ފުލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު، އިރުއިރުކޮޅުން ޝަރުތު އިސްލާހުކުރަނީ

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 30 އަށް އިތުރުކޮށްފައިވާއިރު، އަދިވެސް އުސޫލުތަކާއި ޝަރުތުތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން ގެނެވުނު ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމެވެ. މީގެ ކުރިންވެސް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ޝަރުތުތަކަށް އެކި ފަހަރުމަތިން ބަދަލުތައް ގެނެސްފައިވެއެވެ.

  • ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައިވުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުން
  • ކުރީގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކަށް އެކި ފަހަރުމަތިން ބަދަލު ގެނެސްފައިވުން
  • ސަރުކާރުން 7900 ފުލެޓާއި 15000 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވުން

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން ގާތްވެފައި އޮއްވައި އަނެއްކާވެސް ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލީ މިއަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހެވެ. އެ ފަހުން ފުލެޓަށް ކުރިމަތިލާން ދިން މުއްދަތު ވަނީ މި މަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެ މުއްދަތު ހަމަވާން މިހާރު ދެ ހަފުތާއާއި ހަތަރު ވަރަކަށް ދުވަސް އޮއްވައި، އަދިވެސް ސަރުކާރުން ދަނީ ޝަރުތުތައް އިސްލާހުކުރަމުންނެވެ.

މިއަދު މިނިސްޓަރު މުއްތަލިބު ވިދާޅުވީ 'އެންމެނަށް ބޯހިޔާވަހިކަން' ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކުރަމުންދާ ކަމަށެވެ. އެގޮތުން ގެންނަ އިސްލާހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް އެ ކެޓަގަރީން ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެކި ފަހަރުމަތިން އުސޫލަށް ވަނީ ބަދަލުތައް ގެނެސްފައެވެ.

ޖަނަވަރީ މަހު ފުލެޓަށް ހުޅުވައިލި ފަހުން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި ފުލެޓެއް އޮތުމުގެ ސަބަބުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗަށް ކުރިމަތިނުލެވުނު ފަރާތްތަކަށް، މި ސަރުކާރުގެ ސްކީމްގެ ދަށުން ގޯތި ހަވާލުކުރާނެ ޝަރުތު ހިމަނައި، "ބިންވެރިޔާ" ޚާއްސަ ސްކީމާ ގުޅޭ އުސޫލެއް އާއްމުކުރިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކަށް ޝަރުތުހަމަވާން 75 ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ބާކީވި މީހުންނަށް، ދެ ކޮޓަރީގެ ފުލެޓުތައް ދޭން ކުރިން ބުނި ނަމަވެސް، މިހާރު އެ އުސޫލު ވެސް ބަދަލުކޮށް، ފުލެޓުތައް ދޭނީ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން މި ސަރުކާރުގެ ސްކީމްގެ ތެރެއިން ދޫކުރާ ފުލެޓުތަކަށް ކުރިމަތިލާން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީއެއް އުފައްދައި، އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހެޅޭ ގޮތް ހެދީ ވެސް ފުލެޓަށް އެދި ކުރިމަތިލާން ހުޅުވައިލިތާ ދެ މަސް ފަހުންނެވެ.

މީގެ އިތުރުން ވެސް ބައެއް އެހެނިހެން ބަދަލުތައް ގެނެސްފައިވެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 7،900 ފުލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ 7،900 ފުލެޓުގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފުލެޓު ދިނުމަށާއި، ބާކީ 2،400 ފުލެޓު ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް