ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދަނީ

މިނިސްޓަރު ޢަބްދުﷲ މުއްޠަލިބު: ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓައް ކުރިމަތިލެވޭ ގޮތަށް އުސޫލައް ބަދަލު އެބަ ގެންނަ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މިގޮތުން އެފަރާތްތަކުގެ ބަދަލުގައި އެމީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލުތައް އަންނަނީ އިސްލާހުކުރަމުންނެވެ. އަދި މާލޭގައި ދިރިއުޅެންޖެހޭ މުއްދަތުވެސް ވަނީ ފަސް އަހަރަށް ކުޑަކޮށްދީފައެވެ.

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭނެއެވެ.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލޭގައި ދިރިއުޅެންޖެހޭ މުއްދަތު 15 އަހަރުން 5 އަހަރަށް ވަނީ ކުޑަކޮށްދީފައެވެ.
  • ފަރުވާ ހޯދުމަށް މާލެއަށް ބަދަލުވެފައިވާ ފަރާތްތަކަށްވެސް ފޯމު ހުށަހެޅޭނެއެވެ.
  • މި ސްކީމްގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
  • ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި އިސްލާހުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ވެސް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ސަރުކާރުން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ހާއްސަ ލުއިތަކެއްގެ ދަށުން، މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ވެސް ކުޑަކޮށްދީފަ އެވެ.

އާންމު ޝަރުތެއްގެ ގޮތުން މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެން ޖެހުނު ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނަމަ ފްލެޓަށް ހުށަހެޅޭނެ އެވެ.

މީގެ އިތުރުން، އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި، ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް މި ކެޓަގަރީގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ.

މި ސްކީމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ ބޯހިޔާވަހިކަމަށް ޚާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

މިއީ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.

comment ކޮމެންޓް