މިދިޔަ އަހަރު 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލިއިރު، 2،003 މީހުން ހުއްޓާލަން އެހީ ހޯދި

މީހަކު ސިނގިރޭޓެއް ބޮނީ: މިދިޔަ އަހަރު 375 މީހުން ދުންފަތް ބޭނުންކުރުން ހުއްޓާލައިފި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖޭގައި 375 މީހުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާފައެވެ. އަދި 2،003 މީހުން ވަނީ މި އާދަ ހުއްޓާލުމަށް ސެސޭޝަންގެ ޚިދުމަތް ހޯދާފައެވެ. މި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ވޭޕް މަނާކުރުމާއި، ދުންފަތް އެއްކޮށް ހުއްޓާލާ ރަށްރަށަށް އިނާމު ދިނުން ހިމެނެއެވެ. ނަމަވެސް އާއްމު ތަންތަނުގައި ދުންބުއިމާއި ވަކި ސިނގިރޭޓް ވިއްކުން ފަދަ ގަވާއިދުތައް ތަންފީޒުކުރުމުގައި އަދިވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ.

  • 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި
  • 2،003 މީހުން ސެސޭޝަންގެ ޚިދުމަތް ހޯދި
  • ސަރުކާރުން ވޭޕް މަނާކޮށް، ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރި
  • ގަވާއިދުތައް ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވުނު

މިދިޔަ އަހަރު 375 މީހުން ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލިއިރު، 2،003 މީހުން ސެސޭޝަންގެ ޚިދުމަތް ނުވަތަ ދުންފަތް ބޭނުންކުރުން ހުއްޓާލުމަށް އެހީ ހޯދި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފައެވެ. އޭގެ އިތުރުން، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ.

އޭގެފަހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން އަންގަވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ތެރޭގައި:

  • ސެސޭޝަންގެ ޚިދުމަތް ވަނީ 2،003 މީހަކަށް ދީފައި
  • ނެޝަނަލް 'ކުއިޓް ލައިން' ގެ ޚިދުމަތް 770 މީހަކު ވަނީ ހޯދާފައި
  • 375 މީހުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާފައި
  • ސިއްހީ ދާއިރާގައި މަސައްކަތްކުރާ 494 މީހުން ސެސޭޝަން ޓްރެއިނިން ފުރިހަމަކޮށްފައި

ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންއިން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ނަމަވެސް، ދުންފަތާ ގުޅޭ ގިނަ ގަވާއިދުތަކެއް އަދިވެސް ރާއްޖޭގައި ތަންފީޒެއް ނުވެއެވެ. އެގޮތުން، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވަކި ސިނގިރޭޓް ވިއްކުމަކީ ގަވާއިދުން މަނާ ކޮށްފައިވާ ކަންކަން ކަމަށް ވީނަމަވެސް އެކަންކަން ފާޅުގައި ކުރެއެވެ. ފިޔަވަޅު އެޅެނީ މަދު ފަހަރެއްގައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފަހު ދޫކޮށްލާ ދުމަކީ އޭގެ އަސަރު ކުރާ އެހެން މީހުންނަށް ގިނަ ބަލިތަކެއް ޖައްސާ ނުރައްކާތެރި އެއްޗެކެވެ. ނަމަވެސް ރާއްޖޭގައި އެ ދުމުން ސަލާމަތް ވެގެން މަގުމަތީގައި އުޅުމުގެ ފުރުސަތު ވެސް ގިނަ ފަހަަރަށް ނުލިބެއެވެ.

comment ކޮމެންޓް