މިދިޔަ ހޯމަ ދުވަހު ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރީ ވިޔަފާރީގެ ހަގީގަތަށް ރިއާޔަތްކޮށް ކަމަށާއި، އެއަށްފަހު ހަމަ އެ ދުވަހު އަނެއްކާ ވެސް އަގު ހެޔޮ ކުރީ ރައްޔިތުންގެ މަސްލަހަތަށް ޓަކައި ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި މިފްކޯއިން ވަނީ ތެޔޮ މަސްދަޅުގެ އަގު 17.50 ރުފިޔާއިން 18.50 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް އިއުލާންކޮށްފައެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމުން ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.
އެ ނިންމުން އިއުލާންކުރިތާ މާ ގިނައިރެއް ނުވެ މިފްކޯއިން ވަނީ ކުރިން ހުރި އަގަށް މަސްދަޅުގެ އަގު ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އޭގެ ފަހުން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރީ، ސަރުކާރަށް އެންގުމެއް ނެތި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރަށް އެކަން އެނގުމާއެކު، އަގު ހެޔޮކުރީ ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވާހަކަދެއްކެވިއެވެ.
އެކަމާ ގުޅިގެން ފަރުހަތު "ސަން"އަށް ވިދާޅުވީ، މިފްކޯއަކީ ރައްޔިތުންގެ ފައިސާއިން ހިންގާ، ރައްޔިތުންގެ ކުންފުންޏަކަށް ވާއިރު، ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭންޖެހޭ ކަމަށެވެ. އެގޮތުން ކުންފުނި އޮތް ހާލަތުން އަރައިގަނެ، އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައިގަނެވޭ، ދެމެހެއްޓެނިވި ކުންފުންޏަކަށް ހެދުމަކީ ރައްޔިތުންގެ މަސްލަހަތަށް ޓަކައި ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރުހަތު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ދިމާވި ހީނަރުކަމާއެކު، ތެލުގެ އަގު އިންތިހާއަށް މަތިވެ، ކުންފުނީގެ އުފެއްދުންތެރިކަމުގެ ޚަރަދު މައްޗަށް އެރީ، އެ އަމާޒަށް މިފްކޯގެ މެނޭޖްމަންޓުން ހަރުދަނާ މަސައްކަތްތަކެއް ފަށާފައި ވަނިކޮށް ކަމަށެވެ.
ތެޔޮ މަސްދަޅުގެ އަގަށް ގެނެވުނު ބަދަލަކީ، ވިޔަފާރީގެ މާހައުލުގައި ހުރި މި ދެންނެވި ހަގީގަތްތަކަށް ރިޢާޔަތްކޮށް، ވިޔަފާރީގެ ނަޒަރުން ނިންމި ނިންމުމެއް. ދައުލަތުގެ ވިޔަފާރި ކުންފުންޏަކަށް ވީތީ، ވިޔަފާރީގެ ހަގީގަތްތަކަށް ބަލަންޖެހޭ
މިފްކޯގެ އެމްޑީ އަދި ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރު
ފަރުހަތު ވިދާޅުވީ، ވިޔަފާރީގެ ނަޒަރުން ބެލުމުގެ އިތުރަށް، އެ ކުންފުނިން ރައްޔިތުންގެ މަސްލަހަތަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ.
އެހެންވެ، މި ވަގުތުގެ ހާލަތަށް އަލުން ރިއާޔަތްކުރުމަށްފަހު، ތެޔޮ މަސްދަޅުގެ އަގު ވީ އެންމެ ހެޔޮކޮށް ބެހެއްޓުމަށް ނިންމީކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރުމުގައި މިފްކޯއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ފަރުހަތު ވަނީ ދެއްވައިފައެވެ.
ހަނގުރާމައިގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅިގެން ޚަރަދު ކުޑަ ކުރުމަށް، މިފްކޯއިން ވަނީ ހެޑް އޮފީހާއި ސެންޓަރުތަކުގެ އިދާރީ ބައިގެ ރަސްމީ ގަޑި ކުރުކޮށްފައެވެ. އެގޮތުން، ކުރިން ރަސްމީ ގަޑިއަކީ 8:00 އިން 4:00 އަށް ނަމަވެސް މިހާރު ރަސްމީ ގަޑިއަކީ 8:00 އިން 2:00 އަށެވެ.
ރަސްމީ ގަޑި ކުރުކުރުމުގެ އިތުރުން، ކުންފުނީގެ މުޅި އޮޕަރޭޝަނުގެ ތެރެއިން ޚަރަދުކުޑަވާނެހެން ފިޔަވަޅުތައް އަޅައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، މިއަދު މިފްކޯއިން ވަނީ ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓުކޮށްފައެވެ. އެ ބަދަލާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް މިވަގުތު ދޫކުރަމުންދަނީ އެންމެ ގިނަވެގެން އެއް ކޭހެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތެޔޮ މަސްދަޅު ވިއްކާ މިންވަރު ލިމިޓުކޮށްފައިވަނީ، ސްޓޮކް ދަށްވުމުގެ ސަބަބުންނެވެ.