އެމްޕީ އަސްމާގެ ދަރިފުޅު މުންދުއާއި، ކޮއްކޮ ސަލްމާ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފި

ސަލްމާއާއި މުންދު: ދެ ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފައި --

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ 3 ބޭފުޅަކު ސަރުކާރުގެ މަތީ މަގާމުތަކުން މިއަދު ވަނީ ވަކިކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ އިތުރުން ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފެވެ.

  • މެންބަރު އަސްމާ ރަޝީދުގެ ދެ ދަރިންނާއި ކޮއްކޮއެއް ސަރުކާރުގެ މަގާމުތަކުން ވަކިކުރުން
  • ޔޫއޭއީގައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު މަގާމުން ވަކިކުރުން
  • ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުން
  • ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް މަގާމުން ވަކިކުރުން

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދުގެ އާއިލާގެ މެންބަރުންތަކެއް ސަރުކާރުގެ މަގާމުތަކުން މިއަދު ވަކިކޮށްފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަސްމާގެ ދަރިފުޅު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އޭނާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މަގާމުން ވަކިކޮށްފިއެވެ.

އެ އާއިލާގެ މެންބަރު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، ސަލްމާގެ ދަރިފުޅު، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މުންދުއާއި ސަލްމާ މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް، އާމިނަތު އޭނާގެ މަގާމުން ވަކިކޮށްފައެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބޭފުޅުން މަގާމުތަކުން ވަކިކޮށްފައި ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އޯޑިއޯއެއްގެ މައްސަލައާ ގުޅިގެންކަން 'ސަން' އަށް ވަނީ ކަށަވަރުވެފައެވެ.

އެ އޯޑިއޯގައި މެންބަރު އަސްމާ ވެސް ހިމެނޭހެން ވަނީ، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބޭފުޅުން ވެސް މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުޙައްމަދު ނަޖާޙް ވަކިކޮށްފައެވެ.

ފެނަކައަކީ އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން ސިޔާސީ ބޭނުމަށް، ވަރަށް އާންމުކޮށް ބޭނުންކުރާ ކުންފުންޏެއް ކަމަށް ވަނީ ތުުހުމަތު ކުރެވިފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރުނުކުރާނެ ކަމުގެ ވައުދާއެކު ކަމަށްވީ ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު 3،000އަށް ވުރެ ވެސް އިތުރުކުރި ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އަދި ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެފައިވުމުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބޭރުގެ އިދާރާތަކުން ގޮވާލަމުން އަންނަތާ އެތައް އަހަރެއްވަނީ ވެފައެވެ.

އެހެންނަމަވެސް މުސާރައާއި އިނާޔަތްތައް ދައުލަތުން ކުރާ ހޭދަ އަދިވެސް އިތުރުވަމުން އަންނާތީ، ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އިންތިޚާބާ ދިމާކޮށް، ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ވަޒީފާތައް ގިނަ އަދަދަކަށް 'ބަހާފައިވާ' ކަމުގެ ތުހުމަތާއެކުވެސް، ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް