އާބާދީ ބޮޑު ގިނަ ރަށްތަކުގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީއަށް

3 އެޕްރީލް 2026: ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން ބޭއްވި ފަހު ރެލީގެ ތެރެއިން -- ސަން ފޮޓޯ

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އާބާދީ ބޮޑެތި ރަށްރަށުގެ ތެރެއިން ގިނަ ރަށްރަށުގެ އަޣުލަބިއްޔަތު އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، ބޮޑު އާބާދީއެއް އޮންނަ ސާޅީސް ހަ ރަށެއްގެ ތެރެއިން ހަތާވީސް ރަށެއްގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދިއިރު، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ލިބިފައިވަނީ ނަވާރަ ރަށެއްގެ އަޣުލަބިއްޔަތެވެ. މީގެ އިތުރުން މާލެއާއި އެހެނިހެން ބޮޑެތި ސިޓީތަކުގެ އަޣުލަބިއްޔަތުވެސް އެމްޑީޕީން ވަނީ ހޯދައިފައެވެ.

  • އާބާދީ ބޮޑު 46 ރަށުގެ ތެރެއިން 27 ރަށުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދުން
  • ވެރިކަންކުރާ ޕީއެންސީއަށް 19 ރަށެއްގެ އަޣުލަބިއްޔަތު ލިބުން
  • ކުރިން ޕީޕީއެމް އަދި ޕީއެންސީގެ އަޣުލަބިއްޔަތު އޮތް ބައެއް ރަށްރަށުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ބަދަލުވުން
  • ސިޓީތަކުގެ ތެރެއިން މާލެ، ކުޅުދުއްފުށި، އައްޑޫ، ތިނަދޫ އަދި ފުވައްމުލަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބުން

ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި، ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ، އާބާދީ ބޮޑެތި ރަށްރަށުގެ ތެރެއިން ގިނަ ރަށްރަށުގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީގައިކަން، އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާގައިވާ ގޮތުން، އާބާދީ ބޮޑު 46 ރަށުގެ ތެރެއިން 27 ރަށުގެ އަޣުލަބިއްޔަތު ހޯދައިފައިވަނީ އެމްޑީޕީންނެވެ. ނަވާރަ ރަށަކުން ވެރިކަންކުރާ ޕީއެންސީއަށް އަޣުލަބިއްޔަތު ދިންއިރު، ދެ ރަށަކުން އަމިއްލަ ކައުންސިލަރުންނަށް އަޣުލަބިއްޔަތު ހޯދައިފައިވެއެވެ. އަދި އެއްވެސް ޕާޓީއަކަށް ވަކި އަޣުލަބިއްޔަތު ނުދޭ އަށް ރަށެއް ވެއެވެ.

އެމްޑީޕީއަށް އަޣުލަބިއްޔަތު ދިން ރަށްރަށުގެ ތެރޭގައި، އެއާޕޯޓު އަޅަން ވައުދުވުމަށްފަހު، އެއާޕޯޓު އެޅުމަށާއި ގޯތި ދޫކުރުމަށް ސަރުކާރުގެ އެއާޕޯޓު ކުންފުނި އެމްއޭސީއެލް ލައްވައި 112 ހެކްޓަރުގެ ބިން ހިއްކައިފައިވާ ހއ. ދިއްދޫ ހިމެނެއެވެ. ދިއްދޫގައި އެއާޕޯޓެއް ގާއިމްކުރަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 19، 2024ގައެވެ.

އެކަމަކު، ދިއްދޫން ޕީއެންސީއަށް ލިބުނީ، ކައުންސިލު ރައީސްކަން އެކަންޏެވެ. ބާކީ ހުރި ގޮނޑިތައް ލިބުނީ އެމްޑީޕީއަށެވެ. ދެހާސް އެކާވީސްވަނަ އަހަރު އޮތް އިންތިޚާބުގައި ވެސް ޕީއެންސީއަށް ލިބުނީ ދިއްދޫގެ ކައުންސިލު ރައީސްކަން އެކަންޏެވެ.

މީގެ އިތުރުން، ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު އޭރު އޮތް ހއ. އިހަވަންދުއާއި ކެލާގެ އަޣުލަބިއްޔަތު މިފަހަރު ހޯދީ އިދިކޮޅު އެމްޑީޕީންނެވެ.

ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު މިހާރު އޮތް ހދ. ނޮޅިވަރަންފަރުގެ އަޣުލަބިއްޔަތު އަމިއްލަ މެންބަރުންނަށް އޮތް އިރު، ނޮޅިވަރަމުގެ އަޣުލަބިއްޔަތު މިފަހަރު ލިބިފައިވަނީ ޕީއެންސީއަށެވެ.

ހަމަ އެހެންމެ، ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު އޮތް ރ. މަޑުއްވަރީ އެމްޑީޕީއަށް ލިބުނުއިރު، މީދުއަށް ލިބިފައިވަނީ އަމިއްލަ ކައުންސިލަރުންގެ އަޣުލަބިއްޔަތެވެ.

ނިމެން ކައިރިވެފައި އޮތް ކައުންސިލުގެ ދައުރުގައި ބ. ތުޅާދޫގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ނަމަވެސް، ނިމުނު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އެ ރަށުން އަޣުލަބިއްޔަތު ނުލިބެއެވެ.

ކ. މާފުށީގައި ނިމެން ކައިރިވެފައި އޮތް ދައުރުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތަސް، ނިމިދިޔަ އިންތިޚާބަށްފަހު، އެ ރަށުގައި ވަކި ޕާޓީއެއްގެ އަޣުލަބިއްޔަތު ނެތެވެ.

4 އެޕްރީލް 2026: ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުމުގެ ތެރެއިން -- ސަން ފޮޓޯ/ ހާފިޒް

އެންމެ ފާހަގަކޮށްލެވޭނެ އެއް ބަދަލަކީ މާފުށީ ކައުންސިލުގެ މިހާރުގެ ރައީސް ޙަސަން ޞަލާޙް ކައުންސިލުގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވުމުގެ ބަދަލުގައި މިހާރުގެ ކައުންސިލު މެންބަރު ޢަލީ ޝަމްޢޫން އެ ކައުންސިލުގެ ރައީސްގެ މަގާމަށް އިންތިޚާބުވުމެވެ. އޭގެ އިތުރުން، އަމިއްލަ ކައުންސިލަރެއްގެ ގޮތުގައި އިންތިޚާބުވި ނަސީޙް މުޙައްމަދު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ނަމަވެސް، ދެވަނަ ދައުރަކަށް ހޮވިފައި ނުވެއެވެ.

އޭގެ އިތުރުން، މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޠާރިޤްގެ ނުފޫޒު އޮންނަ އދ. މަހިބަދޫގައި އޮތް ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު ނިމިދިޔަ އިންތިޚާބާއެކު ވަނީ އެމްޑީޕީއަށް ބަދަލުވެފައެވެ.

އަދި ދ. ކުޑަހުވަދޫގައި އޮތް ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު، ނިމިދިޔަ އިންތިޚާބާއެކު ވަނީ އެމްޑީޕީއަށް ލިބިފައެވެ.

ތ. ވިލުފުށީގެ އައު ކައުންސިލަށް ޕީއެންސީގެ އަޣުލަބިއްޔަތު އޮތް އިރު، ޕީއެންސީގެ މެންބަރުންނަށް ވިލުފުށި ލިބުނީ އެމްޑީޕީގެ އެއްވެސް މެންބަރަކު ވާދަނުކުރުމާ ގުޅިގެންނެވެ.

ލ. ގަމުގައި އޮތް އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އެމްޑީޕީން ވަނީ އަޣުލަބިއްޔަތު ދަމަހައްޓައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހު އައްޑޫ ސިޓީގެ ހުޅުދުއާއި މީދޫ ވަނީ އައްޑޫ ސިޓީން ވަކިވެ، ވަކި ރަށްތަކަކަށް ވެފައެވެ. އެހެންވެ އެ ރަށްރަށުގައި ވަކިން ކައުންސިލަރުން ތިބެއެވެ.

އެގޮތުން އައްޑޫ ހުޅުދޫގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބުނުއިރު، މީދޫ ކައުންސިލުގައި ތިބެނީ ދެ އަމިއްލަ މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނާއި ޕީއެންސީގެ މެންބަރެކެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މިހާރު ހިނގަމުން އަންނަ ދައުރުގައި މީދޫގެ ކައުންސިލަރުކަމުގައި ހުންނެވި އާމިނަތު ޞާލިޙާ ވަނީ ޕީއެންސީގެ ޓިކެޓުގައި އެ ރަށު ކައުންސިލުގެ ރައީސްކަމަށް ވާދަކުރައްވައިފައެވެ. ނަމަވެސް ޞާލިޙާގެ މައްޗަށް ކުރި ހޯދައި އެ މަގާމަށް އިންތިޚާބުވީ އަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު ޝާޠިރެވެ.

މި އިންތިޚާބުގައި އެމްޑީޕީން ވަނީ، މާލެއާއި ކުޅުދުއްފުއްޓާއި، އައްޑުއާއި، ތިނަދުއާއި ފުވައްމުލަކުން އަޣުލަބިއްޔަތު ހޯދައިފައެވެ.

comment ކޮމެންޓް