މިދިޔަ 2 ދުވަހު މާލެއިން ވައްކަމުގައި 86،000 ރުފިޔާ ގެއްލުނު

ފުލުހެއް މަގުމަތީ: މިދިޔަ ދެ ދުވަހު މާލެއިން ވައްކަމުގައި 80،000 އަށްވުރެ ގިނަ ރުފިޔާ ގެއްލުނު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފާއިތުވި ދެ ދުވަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުން ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މާފަންނާއި ހެންވޭރު ސަރަހައްދުތަކުން ޖުމުލަ 86،800 ރުފިޔާ ގެއްލިފައިވާއިރު، ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް ފައިސާ ހޯދާފައެވެ. މީގެ އިތުރުން މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވެ، 91 އެކްސިޑެންޓެއް ވަނީ ރިޕޯޓުކޮށްފައެވެ. ރޯދަމަހާ ގުޅިގެން ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ، އާންމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

  • މާލެ ސަރަހައްދުން 86،800 ރުފިޔާގެ ވައްކަމުގެ މައްސަލަތައް ހުށަހެޅުން
  • މާފަންނު، ހެންވޭރު އަދި ގަލޮޅު ޕޮލިހުން ބައެއް ފައިސާ ހޯދާފައިވޭ
  • ދެ ދުވަހުގެ ތެރޭގައި 91 އެކްސިޑެންޓު ހިނގާފައިވޭ
  • ރޯދަމަހާ ގުޅިގެން މަގުމަތީގެ ސަލާމަތަށް ސަމާލުވުމަށް ފުލުހުންގެ އިލްތިމާސް

މިދިޔަ ދެ ދުވަހު ވައްކަމުގެ މައްސަލަތަކުގައި މާލެ ސަރަހައްދުން 86،000 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ވޭތުވެދިޔަ 48 ގަޑިއިރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މާފަންނު ޕޮލިހަށް އެކަނި ވެސް ވައްކާމާއި ފޭރުމުގެ ސަބަބުން، 62،400 ރުފިޔާ ގެއްލިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި، ހެންވޭރު ޕޮލިހަށް ވަނީ 24،400 ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައެވެ. އެހެންކަމުން ގެއްލިގެން ރިޕޯޓުކޮށްފައިވާ ރުފިޔާގެ ޖުމްލަ އަދަދު، 86،800 އަށް އަރައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، މާފަންނު ޕޮލިހުން ވަނީ މިދިޔަ ދެ ދުވަހު، މިފަދަ އެކި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ތެރެއިން 2،400 ރުފިޔާ ރިކަވާކޮށްފައެވެ. އަދި، ގަލޮޅު ޕޮލިހުން 224،600 ރުފިޔާ ރިކަވާކޮށްފައިވާއިރު، ހެންވޭރު ޕޮލިހުން ވަނީ 4،000 ރުފިޔާ ރިކަވާކޮށްފައެވެ.

ނިމުނު ދެ ދުވަހު ހެންވޭރު ޕޮލިހަށް ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތަކުގެ އަދަދު، 21 އަށް އަރާއިރު ގަލޮޅު ޕޮލިހަށް 33 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. އަދި، މާފަންނު ޕޮލިހަށް ވަނީ 37 އެކްސިޑެންޓެއް ރިޕޯޓުކޮށްފައެވެ. އެހެންކަމުން ޖުމުލަ 91 އެކްސިޑެންޓު ނިމުނު ދެ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ މަހު އެކްސިޑެންޓުތައް ރިޕޯޓުކުރި މިންވަރު މަދުވިއިރު، މި ރޯދައިގެ ފުރަތަމަ ހަފުތާގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގި މިންވަރު ވަނީ އިތުރުވެފައެވެ. އެ މުއްދަތުގައި އެކަނި ވެސް 90 އެކްސިޑެންޓު ވަނީ ހިނގާފައެވެ.

އެހެންވެ، ފުލުހުން ވަނީ އެކްސިޑެންޓުތައް މަދުކުރުމަށް ސްޕީޑު މަޑުކޮށް، މަގުމައްޗަށް ބަލައިގެން އުޅަނދުތައް ދުއްވަން ހަނދާންކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާންމުކޮށް ވެސް ރޯދަމަހު ވައްކަމުގެ މައްސަލަތައް އިތުރުވެއެވެ. އެހެންވެ، އެ ކަންކަމަށް ސަމާލުވާން ފުލުހުން މީގެ ކުރިން ވެސް އިލްތިމާސްކޮށްފައިވެއެވެ.

comment ކޮމެންޓް