13 ގައުމަކާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން އޮޕަރޭޝަނެއް ފަށައިފި

13 ގައުމަކާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން އޮޕަރޭޝަނެއް ފަށައިފި -- ފޮޓޯ ފުލުހުން

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި 'އޮޕަރޭޝަން ފްރޮންޓިއަރ+ III' ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގައި ދުނިޔޭގެ 13 ގައުމެއްގެ ތަންފީޒީ އިދާރާތައް ބައިވެރިވެއެވެ. މިއީ ބޯޑަރު ހުރަސްކޮށް ހިންގާ މާލީ ކުށްތަކާއި ސްކޭމްތަކާ ދެކޮޅަށް ހިންގާ ވަރުގަދަ ހަރަކާތެކެވެ. މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރިއަލް ޓައިމްކޮށް މައުލޫމާތު ހިއްސާކޮށް، ސްކޭމް ވިއުގަތައް ނައްތާލައި، ފޭރޭ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރުމެވެ.

  • 13 ގައުމެއްގެ އެންޓި ސްކޭމް ސެންޓަރުތައް ގުޅިގެން މި އޮޕަރޭޝަން ހިންގަނީ
  • އިންވެސްޓްމަންޓް، ރޮމޭންސް، އަދި އީ-ކޮމާސް ފަދަ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެ
  • އޮޕަރޭޝަންގެ ނަތީޖާ މެއި 13 ގައި ހާމަކުރާނެ
  • އޮޕަރޭޝަންގެ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން، "އޮޕަރޭޝަން ފްރޮންޓިއަރ+ III" ރަސްމީކޮށް ފަށައިފިއެވެ.

ފުލުހުން ބުނީ މިއީ، ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއް ކަމަށެވެ. އަދި, މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފްރޮންޓިއާ އެލަޔަންސްގައި 13 ގައުމެއް ހިމެނެއެވެ.

އަދި, މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެއް ކަމަށާއި މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑު ހިމެނޭކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ, މި އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާއި، ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުން ކަމަށެވެ. މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ހަތަރު އަސާސެއްގެ މައްޗަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ވަގުތުން ފިޔަވަޅު އެޅުމާއި ޝައްކުކުރެވޭ ބެންކު އެކައުންޓްތަކާއި މަނީ މިއުލްސް ދެނެގަނެ ފައިސާގެ މުއާމަލާތުތައް ވަގުތުން ހުއްޓުވުމާއި، އިންޓެލިޖެންސް ހިއްސާކުރުން ހިމެނެއެވެ. އަދި، އަލަށް އުފެދޭ ސްކޭމް އުކުޅުތަކާއި ނެޓްވޯކްތަކުގެ މައުލޫމާތު ގައުމުތަކުގެ މެދުގައި ރިއަލް ޓައިމްކޮށް ބަދަލުކުރުމާއި ޑޭޓާގެ އަލީގައި މަސައްކަތްކުރުމާއި ސްކޭމްތަކުގެ ފަރުމާ ދެނެގަތުމާއި ކުށްވެރިންގެ އުކުޅުތައް ދިރާސާކޮށް ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގޭ ތަހުގީގުތައް ހަރުދަނާކޮށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީދައެވެ.

ފުލުހުން ބުނީ, މި އޮޕަރޭޝަންގެ ދަށުން، އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިން އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ޚާއްސަ ސަމާލުކަމެއް ދެވޭނެއެވެ.

މި އޮޕަރޭޝަން ކުރިއަށްދާނީ އަންނަ މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެ ގޮތުން، މި މުއްދަތުގައި ހުރިހާ ގައުމަކުން ވެސް ސްކޭމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންގެ ނަތީޖާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށާއި މި އަހަރުގެ އޮޕަރޭޝަންގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހު ރާއްޖޭގައި ކަމަށެވެ.

އަދި، އެ ބްރީފިންގައި، އެލަޔަންސްގައި ހިމެނޭ ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމުލަ ނަތީޖާތަކާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް މުޅި ދުނިޔެއަށް ހާމަކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ވަނީ، ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. ފުލުހުން ބުނީ މި އަހަރުގެ އޮޕަރޭޝަނާއެކު މި މަސައްކަތް އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް