ކައިވެނިކޮށްގެން އުޅުނުއިރު، ލިބުނު ގޯތި އިމާރާތްކުރަން އަނބިމީހާ ޚަރަދުކުރި ކަމަށް ބުނާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ، ކުރީގެ ފިރިމީހާ އަތުން ނަގައިދޭން ހުކުމްކޮށްފިއެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގެ ކޯޓަކުން ކުރި މި ހުކުމަކީ ދެމަފިރިން އެކުގައި އުޅުނުއިރު، ލިބުނު ގޯތި ހަދަން އަނބިމީހާ ޚަރަދުކުރި ފައިސާ އަދި ގޯތިން ބައެއް ހޯދުމަށް އަންހެން މީހާ، އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ.
ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން އަންހެން މީހާ، އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް ކުރި މި ދައުވާގައި އަންހެން މީހާގެ ފަރާތުން އެދިފައިވަނީ އޭނާ ޚަރަދުކުރި 1،026،440 ރުފިޔާއާއި ގޯތިން ބައެއް ހޯދުމަށެވެ.
މީގެ ތިން އަހަރު ކުރިން، ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މި މައްސަލަ، މި ހިނގާ މާރިޗު މަހު ކޯޓުން ނިންމިއިރު، ކުރީގެ ފިރިމީހާގެ ފަރާތުން އަންހެން މީހާގެ ދައުވާއަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ނިންމާފައިވަނީ ފިރިމީހާގެ ޣައިރު ހާޒިރުގައެވެ.
މި މައްސަލައިގައި ރަށު ކޯޓުން ކުރި ހުކުމުގައިވަނީ އަންހެން މީހާގެ ފަރާތުން އެދިފައިވާ 1،026،440 ރުފިޔާ، ދެ ހަފުތާ ތެރޭ ދައްކަން އަންގާފައެވެ. ދެ ހަފުތާތެރޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން އެންގި ނަމަވެސް، އަންހެން މީހާ އެދިފައިވާ ފަދައިން، ގޯތިން ބައެއް ދިނުމާމެދު މި މައްސަލައިގައި ގޮތެއް ނިންމާފައެއް ނުވެއެވެ.
އުތުރުގެ ބޮޑު ރަށެއްގެ މި މައްސަލަ ނިންމާފައިވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.