އީރާންގެ ހަމަލާތަކާ ގުޅިގެން ސައުދީ: "މި އޮތީ އަރަބި ގައުމުތަކުގެ ދިފާއުގައި"

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން އެމެރިކާގެ ވައިގެ ބޭސްތައް ހުންނަ އަރަބި ގައުމުތަކަށް ހަމަލާ ދިނުމުން, އެކަން ސައޫދީ އަރަބިއްޔާއިން މިއަދު ކުށްވެރިކޮށްފިއެވެ.

އީރާނުގެ ނޫހަކުން ވަނީ، އަރަބި ހަތަރު ގައުމެއްގައި ހުރި އެމެރިކާގެ ވައިގެ މަރުކަޒުތަކަށް އަމާޒުކޮށް އެ ގައުމުން ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ގަތަރާއި ކުވޭތާއީ ޔޫއޭއީގައި ބަހްރޭން ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަލްޖަޒީރާއިން ވަނީ، ސައުދީ އަރަބިއްޔާއިން ވެސް ގޮވުންތަކުގެ އަޑުތައް އިވޭ ކަމަށް ރިޕޯޓުކޮށްފައެވެ.

މިއަދު އީރާނުން ދިން މި ހަމަލާތަކަކީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ގަލްފުގެ ގައުމުތަކުން ވަނީ ބުނެފައެވެ.

https://www.sun.mv/218492

ސައޫދީ އަރަބިއްޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ޔޫއޭއީ، ބަހުރޭން، ގަތަރު، ކުވެއިތު އަދި އުރުދުންގެ ސިޔާދަތަށް އަރައިގަނެ ދިން ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ދަނޑިވަޅުގައި މި ގައުމުތަކުގެ ދިފާއުގައި ސައޫދީން ފުރިހަމައަށް އޮތް ކަމަށާއި، އެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްގައި ސައޫދީގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

ގަތަރަށް ވެސް އީރާނުން ހަމަލާ ދީފައިވާއިރު އެ ގައުމުން ވެސް ވަނީ މި އަމަލު ކުށްވެރިކޮށްފައެވެ. ގަތަރުން ބުނި ގޮތުގައި މިއީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ދިން ނުރައްކާތެރި ހަމަލާއެކެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، މިފަދަ އުދުވާންތަކަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު ގަތަރަށް ލިބިގެންވާ ކަމަށް އެ ގައުމުން ވަނީ އިއުލާނުކޮށްފައެވެ.

ގަތަރުގެ ދިފާއީ ބާރުތަކުން ވަނީ އީރާނުގެ މިސައިލްތައް ވައިގެ ތެރޭގައި ނައްތާލައި، ގައުމުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށް ވެސް ބުނެފައެވެ.

މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަރަހައްދީ ހަމަޖެހުމަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. ޔޫއޭއީގެ އަބޫދާބީއަށް ވެއްޓުނު މިސައިލް ބައިތަކުން އާންމުންގެ މީހަކު މަރުވެފައިވާއިރު، ގަލްފުގެ ވައިގެ ސަރަހައްދުތައް ވަނީ ބަންދުކުރަން ޖެހިފައެވެ. ގަލްފުގެ ގައުމުތަކުން ވަނީ ސަރަހައްދީ މަސްލަހަތު ގެއްލުވާލުމަށް އީރާނުން ކުރާ މަސައްކަތްތައް ހުއްޓާލުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށް ގޮވާލާފައެވެ.

ނަމަވެސް އީރާނުގެ މި ހަމަލާތަކަކީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ދިން ހަމަލާތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް