ބޭރު ގައުމުތަކުން އިގުތިސާދަށް ކުރިމަތިވާ ލޮޅުންތަކުން އަރައިގަނެ، ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންވާ ވަރަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ފައިސާ އެބަހުރި ކަމަށް، ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީ، އީރާނުން މެދުއިރުމަތީގެ އެކި ގައުމުތަކަށް ހަމަލާ ދެމުން އަންނައިރު، ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫ އަރައި، ތަކެތީގެ އަގުތައް އުފުލުމުގެ ބިރު ވަނީ އުފެދިފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މީގެ އިރުކޮޅެއްކުރިން ނެރުނު ބަޔާނުގައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް އަންނާނެ ބަދަލުތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން، މަރުކަޒީ ބޭންކު އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމަށް، މިނިސްޓްރީން ބުންޏެވެ.
އެއާއެކު މިނިސްޓްރީން ބުނީ، އެކަމުގެ ސަބަބުން ބޭރު ދުނިޔޭން ކުރިމަތިވާ އިގްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށާއި، ރާއްޖެއަށްމުދާ އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިޞާދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާނުން ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވާނެ ދަތިތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ދިރާސާކުރަމުން އަންނަ ކަމަށާއި، އެ ދިރާސާތަކުގެ އަލީގައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރާވާފައިވާ ކަމަށެވެ.
މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، އިގްތިޞާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، މެދުކެނޑުމެއްނެތި މުދާ ލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ބޭނުންވާނެ އިތުރު މާކެޓުތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ރޭ ބުނެފައިވެއެވެ.
އެ މިނިސްޓްރީގެ ބަޔާނުގައިވަނީ، މެދުއިރުމަތީ ސަރަހައްދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ކުރާނެ އަސަރުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގާތުން ބަލައި، ކާބޯތަކެއްޗާއި އަސާސީ ތަކެތި މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓުތަކުން ދިމާވާނެ ދަތިތައް ދެެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެެނިހެން މާކެޓުތައް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށްފަހު، ރާއްޖެއަށް ކާބޯތަކެއްޗާއި މުދަލުގެ ބާވަތްތައް އާންމުގޮތެއްގައި އެތެރެކުރާ ގައުމުތަކުގެ ތެރޭ މެދުއިރުމަތީގެ ގައުމުތައް ހިމެނެއެވެ.
ރާއްޖެ އެންމެ ބޮޑަށް ބަރޯސާވަނީ ބޭރު ގައުމުތަކުން އެތެރެކުރާ މުދަލާއި ކާބޯތަކެއްޗަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލު ވެސް އޮތީ ތޮއްޖެހިފައެވެ.
އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.
އަދި ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކުރާ ދަތުރުތައް ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ މިއަދު މެދުކަނޑާލައިފައެވެ.