ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް ލީޑް ރޯލް ކުޅޭ ފިލްމު "ބޯޑާ 2"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މިފެށޭ އަހަރުގެ ޖަނަވަރީ މަހު ސިނަމާތަކަށް ދޫކޮށްލާ މި ފިލްމަކީ މީގެ 28 އަހަރު ކުރިން ސަނީގެ އިތުރުން ބޮލީވުޑްގެ ގިނަ އެކްޓަރުންތަކެއް ހިމަނައިގެން ގެނެސްދިން އަސްކަރީ ފިލްމު "ބޯޑާ"ގެ ސީކުއަލްއެކެވެ.
ޖޭޕީ ދައްތާ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ-ސީރީސް ގުޅިގެން ގެނެސްދޭ "ބޯޑާ 2" ބިނާކޮށްފައި ވަނީ 1971 ވަނަ އަހަރުތެރޭ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާފައިވާ ހަނގުރާމައިގެ ވާހަކައެއްގެ މައްޗަށެވެ.
ފިލްމު "ބޯޑާ 2"ގެ ޓީޒާއިން ސަނީގެ ވަރަށް ހާއްސަ މެސެޖެއް ޕާކިސްތާނަށް ދިންއިރު އެ މެސެޖުގައި ބުނެފައި ވަނީ ޕާކިސްތާނުން އިންޑިއާއާ ކުރިމަތިލާ ކޮންމެ ދަނޑިވަޅެއްގައި ވެސް އެންމެ ފުރަތަމަ އެ ޤައުމުން ކުރިމަތިލާންޖެހޭނީ އިންޑިއާގެ އަސްކަރީ އޮފިސަރުންނާ ކަމަށެވެ.

ފިލްމު "ބޯޑާ 2"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް
އެއީ ވައިގެ މަގުން ކަމަށްވިޔަސް، ކަނޑު މަގުން ކަމަށްވިޔަސް އަދި ބިމުގެ އަޑިން ކަމަށްވިޔަސް އެކަން އޮތީ އެގޮތަށް ކަމަށް ސަނީ ޕާކިސްތާނަށް ދިން މެސެޖުގައި ބުނެފައިވެއެވެ.
ސަނީއާ އެކު "ބޯޑާ 2"އިން ފެންނާނެ މުހިއްމު އެކްޓަރުންގެތެރޭ ވަރުން ދަވަން، އަހާން ޝެޓީ އަދި ދިލްޖީތު ދޮސާންޖް ހިމެނޭއިރު ފިލްމުން ފެންނާނެ ބަތަލާއިންގެތެރޭ ސޯނަމް ބާޖްވާ، މޯނާ ސިންގް އަދި އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ އާންޔާ ސިންގް ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހަށެވެ.