ހޮލީވުޑްގެ ފިލްމު 'ޓްރާންސްފޯމާސް'ގެ ޓީމުން އިންޑިއާގައި ފިލްމެއް އުފައްދަނީ

ހޮލީވުޑްގެ ޑައިރެކްޓަރު މައިކަލް ބޭ، އިންޑިއާގެ ޕްރޮޑިއުސަރު ވިނޯދު ބަނުސާލީ އަދި ޑައިރެކްޓަރު އެންތޮނީ ޑިސޫޒަ--ފޮޓޯ/ބޮލީވުޑްހަންގާމާ

ހޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ޓްރާންސްފޯމާސް" އާއި "ޕާލް ހާބާ" ފަދަ ފިލްމުތައް ގެނެސްދިން މަޝްހޫރު ފިލްމު ޑައިރެކްޓަރު މައިކަލް ބޭ ބޮލީވުޑްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން މިހާރު ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު ޑައިރެކްޓަރު މައިކަލް ބޭގެ ފުރަތަމަ އިންޑިއަން ފިލްމު ޕްރޮޖެކްޓް ގެނެސްދޭނީ ޕްރޮޑިއުސަރު ވިނޯދު ބަނުސާލީގެ ބަނުސާލީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.

މި ޕްރޮޖެކްޓްގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ އެންތޮނީ ޑިސޫޒައެވެ. އެންތަނީ ޑައިރެކްޓްކޮށް ގެނެސްދީފައިވާ މަޝްހޫރު ފިލްމުތަކުގެތެރޭ އަކްޝޭ ކުމާރުގެ ފިލްމު "ބްލޫ"، "ބޮސް"ގެ އިތުރުން އިމްރާން ހާޝިމީގެ ފިލްމު "އަޒްހަރު" ހިމެނެއެވެ.

ބަންސާލީ ފިލްމްސްގެ ރަސްމީ އިންސްޓަގްރާމްގައި މިކަމާ ގުޅޭގޮތުން ހޮލީވުޑްގެ މަގުބޫލު ފިލްމުތައް ކަމަށްވާ "ބޭޑް ބޯއިސް" އަދި "އާމަގެޑަން" ފަދަ ފިލްމުތައް ގެނެސްދިން މޭސްތިރިންނާ އެކު މުޅިން އާ ދުނިޔެއަކަށް ފީނަން އެ ސްޓޫޑިއޯއިން ތައްޔާރަށް އޮތް ކަމަށެވެ.

ހޮލީވުޑްގެ ޑައިރެކްޓަރު މައިކަލް ބޭ އަދި އިންޑިއާގެ މިއުޒީޝަން އޭ އާރް ރަހްމާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މައިކަލް ބޭއާ އެކު ފިލްމު ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާނެކަން އިއުލާނުކުރި ނަމަވެސް އެ ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ޕްރޮޖެކްޓްގެ ޓީމާ އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާން ވެސް ގުޅިފައިވާކަން އިއުލާނު ކުރަމުން ބަނުސާލީ ސްޓޫޑިއޯއިން ބުނީ މިއީ އިންޑިއާގެ މިއުޒިކް ގްލޯބަލް ޕްލެޓްފޯމްތަކަށް ތައާރަފްކޮށްދޭނެ ފިލްމެއް ކަމަށެވެ.

އިންޑިއާގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ލިބުނު ފުރުސަތާ ގުޅޭގޮތުން މައިކަލް ބޭ ބުނެފައި ވަނީ، އިންޑިއާގެ ޓީމާ އެކު ގެނެސްދޭ ފިލްމުގައި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވި ބެލުންތެރިންނަށް ވަރަށް ކަމުދާނެ ވާހަކަތަކެއް ސިނަމާ މެދުވެރިކޮށް ގެނެސްދެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

އުމުރުން 60 އަހަރުގެ ކުޅަދާނަ ޑައިރެކްޓަރު މައިކަލް ބޭގެ އެންމެ ފަހުގެ މަސައްކަތަކީ މި އަހަރުގެ މާޗް މަހު ގެނެސްދިން ޑޮކިއުމެންޓްރީ ފިލްމު "ވީ އާ ސްޓޯރޯ"އެވެ.

comment ކޮމެންޓް