ދައުލަތަށް ބޮޑު ބުރައަކަށްވެފައިވާ ކުންފުނިތަކުގެ އޮޑިޓް ކުރުން ހަރުދަނާ ކުރަން ދޮޅު މަސް

ޕީސީބީގެ ބައްދަލުވުމެއްގެ ތެރެއިން: ދައުލަތަށް ބޮޑު ބުރައަކަށްވެފައިވާ ކުންފުނިތަކުގެ އޮޑިޓް ކުރުން ހަރުދަނާ ކުރަން ދޮޅު މަސް ވަނީ ދީފައި -- ފޮޓޯ/ ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނައިރު، އެ ކުންފުނިތަކުގެ އޮޑިޓް ކުރުން ހަރުދަނާ ކުރުމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ދޮޅު މަހުގެ މުހުލަތެއް ދީފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕީސީބީން އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން އިރުޝާދު ދިންއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް 280 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެހެންވެ، އެ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމެންޓް ފަންކްޝަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މިދިޔަ ބުދަ ދުވަހު އެ ބޯޑުގެ ޖަލްސާއެއް ބާއްވައި ބައެއް ކަންކަން ނިންމައިފައިވާ ކަމަށެވެ.

https://sun.mv/215295

އޭގެ ތެރޭގައި، ކުންފުނީގެ ރިސްކް މެނޭޖްމެންޓް ފަންކްޝަން، މިނިވަން ޑިޕާޓްމެންޓެއްގެ ގޮތުގައި ނުވަތަ އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓުގެ ތެރޭގައި އެކުލެވިފައިވާކަން ކަށަވަރު ކުރުމަށާއި އެގޮތަށް އެކުލަވާލެވިފައިނުވާނަމަ ވީ އެންމެ އަވަހަށް ރިސްކް މެނޭޖްމެންޓް ފަންކްޝަން އެކުލަވާލުމަށް އަންގަން ނިންމުން ހިމެނެއެވެ. އަދި އިންޓާނަލް އޮޑިޓާއި ރިސްކް މެނޭޖްމެންޓް ފަންކްޝަންގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް އެސެސްމެންޓް ހަދައި، އެ މަސައްކަތަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރު ކުރަން އެންގުމަށް ޕީސީބީން ނިންމިއެވެ.

"އަދި މަސްއޫލިއްޔަތު އަދާކުރުމަށް ޓަކައި މުވައްޒަފުން ހޯދަން ޖެހޭ ހާލަތްތަކުގައި ވެސް މެނޭޖްމެންޓް މުވައްޒަފުންނަށް ވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަން ދިނުމަށް އެންގުން،" އެ ބޯޑުގެ ނިންމުންތަކުގައިވެއެވެ.

ހަމައެއާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންގައި އެ ބޯޑާ ހިއްސާކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް ރިޕޯޓް، އެ ބޯޑުގެ އިތުރުން ކުންފުނީގެ އިންޓާނަލް އޮޑިޓަށް ވެސް ހިއްސާކުރާ ގޮތަށް ގައިޑްލައިން އިސްލާހުކޮށްފައިވާތީ، އެ ބަދަލާ އެއްގޮތަށް ގަވައިދުން ހިއްސާކުރަން އަންގަން ޕީސީބީން ވަނީ ނިންމައިފައެވެ. އަދި ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާލީ ފައިނޭންޝަލް ރިޕޯޓާއި އެއާ ގުޅޭ ލިޔެކިޔުންތައް ވެސް އެ ބޯޑާ ހިއްސާކުރާއިރު ކުންފުނީގެ އިންޓާނަލް އޮޑިޓާ ހިއްސާކުރަން އެންގުމަށް ޕީސީބީން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ކުންފުނިތަކަށް ޕީސީބީން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާވަރު ދެނެގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕްލަޔަންސް އޮޑިޓް ނުވަތަ ރިވިއުއެއް ހަދައި، ކުންފުނީގެ ބޯޑަށް ނުވަތަ ކަމާ ބެހޭ ކޮމިޓީއަށް އިންޓާނަލް އޮޑިޓުން ހުށަހަޅައި، އިސްލާހުކުރަން ޖެހޭ ކަންތައްތަކާއި އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ކުންފުނީގެ އެތެރޭގައި ހިންގަން އެންގުމަށް އެ ބޯޑުން ނިންމިއެވެ.

އާރުޑީސީގެ މަސައްކަތެއް: ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އާރުޑީސީއަށް -- ފޮޓޯ/ އާރުޑީސީ

"ވީމާ ބަދަލު ގެންނަން ޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް 31 ޖަނަވަރީ 2026ގެ ކުރިން ނިންމުމަށް ދަންނަވަމެވެ. އަދި އިންޓާނަލް އޮޑިޓް ހަރުދަނާ ކުރުމަށް ޕްރޮއެކްޓިވްކޮށް ހިއްސާކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ކުންފުނީގެ ކަމާ ގުޅޭ އެހެނިހެން ޑިޕާޓްމެންޓުތަކަށް އެންގުމަށް ވެސް ކުންފުނިތަކަށް އަންގަމެވެ." އެ ސާކިއުލާގައިވެއެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކަށް ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވެއެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ވަޒީފާ ބެހުމާއި، ވަކި ބަޔަކަށް ފައިދާވާ ގޮތަށް މަޝްރޫއުތައް ދިނުމުގެ ތުހުމަތުތައް ހިމެނެއެވެ.

https://sun.mv/215325

ޕީސީބީން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ވާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 37،900 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އެއީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުންނަށް ވުރެ ވެސް މާ އިތުރު އަދަދެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

comment ކޮމެންޓް