ލަސްނުކޮށް ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ: ޞާލިޙް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭކަމަށް ޞާލިޙް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެމްޑީޕީން ހޯދި އިންތިޚާބީ ކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން ވަނީ ސަރުކާރުގެ މިސްރާބަށް ނޫނެކޭ ބުނެފައެވެ. ހަމައެއާއެކު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އަދި ރައީސް މުޢިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅުކުރައްވައި ކާމިޔާބުކުރި ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.

  • އެމްޑީޕީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް ޞާލިޙް މަރުހަބާ ދެންނެވުން.
  • ރައްޔިތުންގެ އަޑުއަހައި ސަރުކާރުގެ މިސްރާބު ބަދަލުކުރުމަށް ޞާލިޙް ގޮވާލެއްވުން.
  • ދައުލަތުގެ ވަސީލަތްތައް ބޭނުންކުރިކަމަށް ތުހުމަތުކުރައްވައި ފައިސަލް ނަސީމް ރައީސްގެ އިސްތިއުފާއަށް ގޮވާލެއްވުން.
  • ރައީސް މުޢިއްޒު އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅުކުރައްވައި މަރުހަބާ ދެންނެވުން.

ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަންޖެހޭ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް މި ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޞާލިޙް މިފަދައިން ވިދާޅުވެފައި ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ޞާލިޙް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބުނަނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުން ލަސްނުކޮށް ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ސިޔާސަތުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޞާލިޙް ވަނީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރެއްވި އެމްޑީގެ ހުރިހާ މެންބަރުންނާއި އެމްޑީޕީއަށް ހެޔޮއެދޭ ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ.

ޞާލިޙްގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފައެވެ.

އެގޮތުން ފައިސަލް ވަނީ ސަރުކާރުން އިންތިޚާބު ކާމިޔާބުކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެމްޑީޕީއިން ހުރިހާ ދަތިތަކާއެކުވެސް މަސައްކަތްކޮށް، އިންތިޚާބުގައި ކާމިޔާބު ހޯދާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

https://sun.mv/220152

ފާހަގަކުރެވޭ ގޮތުގައި، އިންތިޚާބުގެ ނަތީޖާއަށްފަހު، ރައީސް ވަނީ ބަލި ގަބޫލުފުޅުކުރައްވައި، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައިފައެވެ. އެމަނިކުފާނު ލިޔުއްވި ޕޯސްޓެއްގައި ވަނީ، އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

comment ކޮމެންޓް