މާލޭގެ މަގުތަކުން މިއަދު އެކަނި 200އަށްވުރެ ގިނަ ވެހިކަލް ނަގައިފި

މާލޭގެ މަގަކުން ޕިކަޕެއް ނަގަނީ: ބޭނުން ނުކޮށް، މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް އަނެއްކާވެސް ވަނީ ފަށައިފައި ---- ފޮޓޯ/ ފުލުހުން

މާލޭގެ މަގުތަކުން ފުލުހުން މިއަދު އެކަނި 200 އަށްވުރެ ގިނަ ވެހިކަލް ޓޯކޮށްފިއެވެ.

ފުލުހުން ހާމަކުރި މައުލޫމާތުގައި ވާގޮތުގައި، މިއަދު ޓޯކޮށްފައި ވަނީ ޖުމުލަ 168 ދެފުރޮޅުލީ އުޅަނދާއި ހަތަރުފުރޮޅުލީ 40 އުޅަނދެވެ.

މިއަދު ފުލުހުން ބުނީ، މިއީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. މީގެކުރިން ވެސް މާލެ ސަރަހައްދުގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުންނަ ވެހިކަލްތައް ނަގައި، ޓޯކުރެއެވެ.

މި މަސައްކަތް ފުލުހުން ކުރަމުން އަންނަނީ، މާލޭ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއާ ގުޅިގެންނެވެ.

https://sun.mv/209984

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައި ހުރި 400އަށްވުރެ ގިނަ ވެހިކަލްތައް ނަގާފައެވެ.

އޭގެފަހުން، ހުޅުމާލޭގޭ މަގުތަކުން ވެސް ބާ އުޅަނދުތައް ފުލުހުން ވަނީ ނަގާފައެވެ.

ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދު ވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، މިކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް