ކައްދޫ އެކްސިޑެންޓް: ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފި

ރޭ ލ. ކައްދޫގައި ހިނގި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހާ މަރުވި މައްސަލައިގައި ހައްޔަރުކޮށް ބަންދުކުރި މުހައްމަދު ލައުސާން --- ފޮޓޯ: ފުލުހުން

ލ. ކައްދުއަށް ދާން މަގު ހުރަސްކުރަނިކޮށް ރޭ ހިނގި އެކްސިޑެންޓުގެ ތަހުގީގަށް، ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގީ ރޭ 7:18 ހާއިރެވެ. އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށާއި އޭނާގެ ފަހަތުގައި އިން މީހާގެ އިތުރުން، މަގު ހުރަސްކުރި އުމުރުން 64 އަހަރުގެ އަންހެނަކާއި އޭނާގެ މާމަ ދަރިފުޅަށް ވަނީ އަނިޔާވެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 64 އަހަރުގެ މީހާ މަރުވެފައިވާކަމަށް، ގަން ރީޖަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ރޭ ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ހޯރަވިލާ، ލ. ފޮނަދޫ / މުހައްމަދު ނައުސާނެވެ.

ނައުސާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ އޭނާ 15 ދުވަހަށް ބަންދުކުރުމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.

މަގުމަތީގެ އެކްސިޑެންޓަތަކުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާތައް މިފަހުން ވަނީ ގިނަވެފައެވެ. އެގޮތުން، ލ. ގަމުގައި މިދިޔަ މަހުގެ ހަވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަރުވެފައެވެ.

comment ކޮމެންޓް