ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް އުކާލާފައިވާ ތަކެތިން އުފެއްދި ރޮބޮޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ސޯޝަލް މިޑިއާގައި މީހަކު ހިއްސާކުރި ރޮބޮޓްގެ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.
'ސަން'އާ ވާހަކަދައްކަވަމުން ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ، އެ ރޮބޮޓްގެ މަސައްކަތަކީ ގްރޭޑް 10ގައި ތައުލީމު ހަސިލުކުރަމުން އަންނަ ފަސް ދަރިވަރަކާއި، ގްރޭޑް އަށެއްގައި ތައުލީމް ހާސިލުކުރާ ދަރިވަރެއްގެ ބުރަ މަސައްކަތެވެ. ގާތްގަނޑަކަށް މަސްދުވަހުގެ ބުރަ މަސައްކަތުން އުފައްދާފައިވާ އެ ރޮބޮޓަކީ އުކާލާފައި ހުންނަ ސާމާނު ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުމެކެވެ.
ތޯހާ ވިދާޅުވި ގޮތުގައި އެ ދަރިވަރުން ކޮންމެ ދުވަހެއްގެ ވެސް ސްކޫލު ވަގުތުތައް ފިޔަވައި ހަވަރަކަށް ގަޑިއިރު އެ މަސައްކަތުގައި ހޭދަކުރިއެވެ. ބަންދު ދުވަސްތަކުގައި ވެސް ގިނަ ވަގުތު އެ މަސައްކަތުގައި ހޭދަކުރި ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ގްރީސްގައި ބޭއްވި ރޮބޮޓިކްސް މުބާރާތެއްގައި 192 ގައުމާއެކު އެ ކުދިންގެ އެ އުފެއްދުން ދައްކާލާފައިވާ ކަމަށް ތޯހާ ވިދާޅުވިއެވެ. އެއީ، ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރައްވައި ދަރިވަރުންނަށް ތައުރީފުކުރެއްވިއެވެ.
ޣިޔާސުއްދީން ސްކޫލުގައި ގްރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންގެ ކަރިކިއުލަމްގައި ރޮބޮޓިކްސް ހިމަނައިގެން ކިޔަވައިދެއްވާކަން ފާހަގަކުރައްވައި ތޯހާ ވިދާޅުވީ، އެއީ ވެސް މުސްތަގުބަލަށް މުހިންމު ދާއިރާއެއް ކަމަށެވެ.
"ފަހުން ގްރޭޑް 6ކަށް އައީމަ ކަރިކިއުލަމްއިން އެ ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޗޮއިސް އޮންނާނެ. އަޅުގަނޑުގެ ނަސޭހަތަކީ، ކޮންމެ ސްކޫލަކުން ވެސް މިފަދަ ހުނަރުތައް ވެސް ހުންނަ ކުދިންގެ އެ ހުނަރުތައް ތަރައްގީކުރުމަށް އިސްކަން ދިނުން،" ތޯހާ ވިދާޅުވިއެވެ.
ވައިރަލްވި ޕޯސްޓުގައި އޭނާ ބުނެފައިވާ ގޮތުގައި މިއީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންގެ މަސައްކަތެވެ. އެ ސްކޫލުގައި ބޭއްވި ހަފުލާގައި އެ ރޮބޮޓު ހުރިހާ އެންމެންގެ ކުރިމައްޗަށް އައި ވަގުތު އެންމެން ވެސް ތިބީ ހައިރާންވެފައި ކަމަށް އޭނާ ބުންޏެވެ. އަދި، އެ ދަރިވަރުންނަށް އުނގަންނައިދެއްވާ ބޭފުޅުންނަށް ވެސް ތައުރީފު ހައްގު ކަމަށާއި، ވައިރަލް ކުރަންވީ މިފަދަ އުފެއްދުންތެރިކަން ކަމަށް އޭނާ ބުންޏެވެ.
"މާޝާﷲ. މޮޅު ކުދިންކޮޅެއް. މިއީ އަދި ހެދި ބޮޑުވަމުން އަންނަ ކުދިން. ކިހާ ކުޅަދާނަ ދެއްތޯ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން،" އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.
އެ ޕޯސްޓު ޝެއާކޮށް ކޮމެންޓުކުރި ގިނަ މީހުން ވަނީ އެ ދަރިވަރުންގެ މަސައްކަތަށް ތައުރީފުކޮށްފައެވެ.
އެ ރޮބޮޓަކީ، އެއް ތަނުން އަނެއް ތަނަށް އެއްޗެހި ގެނެސްދިނުންފަދަ ފަސޭހަތައް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ރޮބޮޓެކެވެ.