ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލި މާލެ ސަރަހައްދުން ތާޒާކޮން، ލިބޭނެ ގޮތް ހެދުމަށް، އެފަދަ ގަސްތައް އިންދާ އާލާކުރުމަށް އިސްކަމެއްދޭނެކަމަށް މާލޭގެ މޭޔަރު އާޒިމް މިއަދު ވިދާޅުވެއްޖެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާއިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް، ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ވަނީ ކައުންސިލާ ހިއްސާކޮށްފައެވެ.
އެގޮތުން ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ހޯދުމުގައި ދަތިތަކެއްހުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި މޭޔަރު އާޒިމް ވަނީ ދިވެހި ބޭސްވެރިކަން ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި، އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މާލެ ސަރަހައްދު ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެތެރޭގައި ވެސް، ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެވޭލާ ޒަމާނުންފެށިގެން، މިއަދާ ހަމައަށް ވެސް ދިވެހި ބޭސްވެރިކަމަކީ، އިތުބާރު ހުރި ބޭސްވެރިކަމެކެވެ. ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް ދިވެހި ބޭސްވެރިންގެ ޖަމިއްޔާ އުފައްދާފައި ވަނީ 1980ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.
މާލެ ސަރަހައްދުގައި ދިވެހި ބޭސްވެރިކަން ކުރާ ކުލިނިކްތައް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އަދި އެ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް ވެސް ވަރަށް ގިނައެވެ.