އިނގިރޭސިވިލާތުން ފަސްޓް އެއިޑްގެ ސާމާނު އެމްއޭސީއެލަށް ހަދިޔާކޮށްފި

އެމްއޭސީއެލަށް އިނގިރޭސި ހައިކޮމިޝަނުން ހަދިޔާކުރި ފަސްޓް އެއިޑް ކިޓްތަކާ ޝަރީފް ހަވާލުވެވަޑައިގަންނަވަނީ --- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގައި އަވަސް ފަރުވާ ނުވަތަ ފަސްޓް އެއިޑް ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި އިނގިރޭސިވިލާތުން އަވަސް ފަރުވާގެ ތަމްރީނު ދޭނެ ސާމާނު ހަދިޔާކޮށްފިއެވެ.

މިއަދު އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަދިޔާކުރި ކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީޤް ވައްހާބެވެ. އެމްއޭސީއެލްގެ ފަރާތުން އެ ފިލަޔާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ.

އިނގިރޭސިވިލާތުގެ އެކްޓިން ހައިކޮމިޝަނަރު ވިދާޅުވީ، ބޭރު ގައުމުތަކުގައި ދިރިއުޅޭ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން އަބަދުވެސް އިސްކަންދޭ ކަމަށާއި، އެމްއޭސީއެލަށް މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮންމެ އަހަރަކު ރާއްޖެ އަންނަ އެތައް އިނގިރޭސި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރެވިގެން ދާނެ ކަމަށެވެ.

ހަމަ އެއާއެކު މި ތަކެތީގެ ސަބަބުން އެމްއޭސީއެލްގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކުއްލި ހާލަތުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއެކު، އެ ކަމަށް ތައްޔާރަށް ތިބި މުވައްޒަފުންކަން ކަށަވަރުވެގެން ދާނެ ކަމަށް ވެސް އެކްޓިން ހައިކޮމިޝަނަރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ދިން އެހީތެރިކަން ފާހަގަކުރައްވައި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއޭސީއެލަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވައިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒުކުރަމުން އަންނަ ކަމަށެވެ.

ވަކިން ޚާއްސަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް، މުވައްޒަފުން ރާއްޖެ އާއި ރާއްޖޭން ބޭރުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަށް އެމްއޭސީއެލުން އިސްކަންދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލުން ބުނީ، އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ހަދިޔާކުރި މި ތަކެއްޗަކީ ދިވެހީން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް އެފަދަ ހަލާތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕީއެސްއޭއާރުޕީ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށެވެ.

comment ކޮމެންޓް