ވ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ވާވު ވޮލީބޯލް ޓޯނަމަންޓް 2025"ގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އަންނަ ހުކުރު ދުވަހު ފަށައި، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަކީ ވ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެންމެ ފޯރިގަދަ މުބާރާތެވެ. ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު ބާއްވަނީ ވ. ފެލިދޫގައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު ޢަލީއެވެ. އެސްއެސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރު މުޙައްމަދު އާސިފް (މޮންދު) އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު "ސަން"އާ ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މި މުބާރާތަކީ ވ. އަތޮޅުގެ ރަށްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ވޮލީބޯޅައިގެ އައު ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން އިންތިޒާމުކުރާ މުބާރާތެއް ކަމަށެވެ.

ވާވު ވޮލީބޯލް ޓޯނަމަންޓް 2025 ގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެސްއެސް މީޑިއާ
އޭނާ ވިދާޅުވީ މުބާރާތުގެ މީޑިއާ ޕާޓްރަނުގެ ގޮތުގައި އެސްއެސް މީޑިއާ އިޚުތިޔާރުކުރީ ގިނަ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ވެސް، އެސްއެސްޓީވީގެ ކަވަރޭޖުގެ ތަފާތުކަން ފާހަގަވުމުން ކަމަށެވެ. އެގޮތުން ދާދިފަހުން ނިމުނު ކާވާ ޗެމްޕިއަންސް ލީގަށް އެސްއެސް މީޑިއާއިން ގެނެސްދިން ކަވަރޭޖުގެ ފުރިހަމަކަމަކީ ވެސް މި އެއްބަސްވުމުގައި ސޮއިކުރަން ނިންމި ސަބަބެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ގައުމީ ލެވެލްގައި ވ. އަތޮޅަކީ ފާހަގަކޮށްލެވޭ އަތޮޅެކެވެ. އެގޮތުން ގައުމީ އަންހެން އަދި ފިރިހެން ޓީމުގައި ވ. އަތޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެކި ދުވަސްވަރު ކުޅެފައިވެއެވެ. އަދި ގައުމީ ލެވެލްގެ ވަރުގަދަ ޓީމުތަކުގައި ވެސް ވ. އަތޮޅުގެ ކުޅުންތެރިން ހިމެނެއެވެ.
ޝުޖާއު ވިދާޅުވީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވާވު ވޮލީބޯލް މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފިރިހެން ޑިވިޝަނުގައި ހަތަރު ޓީމާއި އަންހެން ޑިވިޝަނުގައި ތިން ޓީމު މި މުބާރާތުގައި ވާދަކުރެއެވެ.
ފިރިހެން ޑިވިޝަނުގައި ވާދަކުރާ ރަށްތައް
1- ވ. ތިނަދޫ
2- ވ. ފުލިދޫ
3- ވ. ކެޔޮދޫ
4- ވ. ފެލިދޫ
އަންހެން ޑިވިޝަނުގައި ވާދަކުރާ ރަށްތައް
1- ވ. ފުލިދޫ
2- ވ. ކެޔޮދޫ
3- ވ. ފެލިދޫ
މި މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.