ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ ލެވެލް އެކެއްގެ ކޯޗިން ކޯހެއް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ނިންމައިފިއެވެ.
މި ކޯސް ބާއްވާނެކަން ހާމަކޮށްދެއްވީ މިިދިޔަ މަހު "ވޯލްޑް ވޮލީބޯލް ޑޭ" ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފެވެ.
އެއާއެކު އަތޮޅު ތެރޭގައި ވޮލީބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށް، އަތޮޅުތެރޭގައި ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިން ކޯސް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15-19 އަށެވެ.
މި ކޯހުގައި ބައިވެރިވުމަށް ކޮންމެ އަތޮޅު ކައުންސިލަކަށް އެއް ފުރުސަތު އަދި ކޮންމެ ސިޓީ ކައުންސިލަކަށް އެއް ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ކޯހާ ގުޅޭ މަޢުލޫމާތު، އެސޯސިއޭޝަނުގެ ފަރާތުން އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް އ-ީމެއިލްގެ ޒަރީއާއިން ފޮނުވަމުން ގެންދާނެކަމަށް ވެސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
"ސަން" އާ ވާާހަކަދައްކަވަމުން ވީއޭއެމްގެ ރައީސް ލަތީފް ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާފައެވެ. އަދި މި ކޯހުން ލިބޭ ސެޓްފިކެޓާއެކު ގިނަ ފައިދާތަކެއްވެސް ކުރާނެކަމަށް ލަތީފް ވިދާޅުވިއެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހުރިހާ ރަށަކުންވެސް ހިފުމަށް އޭނާ އެދިލެއްވިއެވެ.
މި ކޯހުގައ،ި ކައުންސިލްތަކުން ބައިވެރިކުރަން ގަސްދުކުރާ މީހުންގެ މަޢުލޫމާތު މި މަހުގެ 12 ވަނަ ދުވަހުގެ 12:00ގެ ކުރިން ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
ރާއްޖޭގައި ދާދިފަހުން ވަނީ އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިން ކޯހެއް ބާއްވާފައެވެ. މި ކޯހުގައި ރާއްޖޭގެ އިތުރުން ބޭރުގެ ކޯޗުން ވެސް ވަނީ ބައިވެރިވެފައެވެ.