ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަނީ ހީލަތްތެރި ރޭވުމެއްގެ ދަށުން

ޔަހޫދީ އިސްރާއީލުގެ ސަބަބުން ޣައްޒާގައި ހައިހޫނުކަން ތަހައްމަލްކުރާ ފަލަސްތީނުގެ ކުޑަކުދިން

ޕެރިސް (8 އޮގަސްޓް 2025) : ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީ އިސްރާއީލާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ފައުންޑޭޝަން އަކީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށް އިސްރާއީލު ސިފައިންނާ ގުޅިގެން މަސައްކަތްކުރާ ވަރަށް ހީލަތްތެރި މުއައްސަސާއެއްކަމަށް, އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ހުޅަނގުގެ ޖަމްއިއްޔާ އެއްކަމަށްވާ, ޑޮކްޓާސް ވިތުއައުޓް ބޯޑާސްއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން ހައިހޫނުކަމުގައި ޖެއްސުމުގައާއި ހައިހޫނުކަން ތަހައްމަލްކުރާ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ބަހާ މަރުކަޒުތަކަށް ދިޔުމުން ކާއެތިކޮޅެއް ދީފައި އޭތިކޮޅު ކާލުމުގެ ކުރިން ރަހުމެއްނެތި އެ މީހުން މަރާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ފަރާތަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އިސްރާއީލާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ "ޣާޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަން" ކަމަށެވެ.

"ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާއި ބަނޑަށް ޖެއްސުމަށްފަހު ކާބޯތަކެތީގެ ދަޅަ ދައްކައިގެން ވަކި ސަރަހައްދުތަކަށް ޣައްޒާގެ ރައްޔިތުން ޖަމާކުރުމަށްފަހު އެމީހުން މަރާލުމުގައި ޣާޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަންއިން ވަރަށް ލާއިންސާނީ އަދި ރަހުމެއްނެތް ދައުރެއް އަދާކުރަމުން ގެންދޭ," ފަރަންސޭސިވިލާތުގައި މަރުކަޒު ހުންނަ ޑޮކްޓާސް ވިތުއައުޓް ބޯޑާސްއިން ޣައްޒާގެ ހާލަތު ބެލުމަށްފަހު ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ޑޮކްޓާރސް ވިތުއައުޓް ބޯޑާސްއަކީ ޣައްޒާގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދިނުމުގައި ވޮލަންޓިއާ ޖަމާއަތެއްގެ ގޮތުގައި ޣައްޒާގައި މިހާރުވެސް ހަރަކާތްތެރިވަމުން ދާ ޖަމާއަތެކެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީ އިސްރާއީލާއި އެމެރިކާ ގުޅިގެން "ޣާޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަން" ގެ ނަމުގައި ފައުންޑޭޝަނެއް އުފެއްދީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އދ. ގެ އޮންރުވާ ޖަމާއަތް ޣައްޒާއިން ބޭރުކޮށްލުމަށްފަހުގައެވެ.

އޮންރުވާ ޖަމާއަތް ޣައްޒާއިން ބޭރުކޮށްލީ ޣައްޒާގެ ރައްޔިތުން ހީލަތްތެރި ގޮތެއްގައި ބަނޑަށް ޖެއްސުމުގެ ޒިންމާ ޣައްޒާގެ މުޖާހިދުންގެ އެންމެ ބޮޑު ޖަމާއަތްކަމަށްވާ "ހަމާސް" ޖަމާއަތުގެ ބޮލުގައި އެޅުވުމަށް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ނަމަވެސް މި ޖަރީމާ ހަަމާސްގެ ބޮލުގައި އެޅުވުމުގައި އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރާ އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ.

އަލްޖަޒީރާ ބުނާގޮތުން ޣާޒާ ހިޔުމަނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) މަރުކަޒުތަކުގެ ކައިރީގައި ކޮންމެ ދުވަހަކު ފިތި ބާރުވެގެން އެތައް ބަޔަކު ޝަހީދުވެއެވެ. އަދި އެ މަރުކަޒުތަކުގެ ކައިރީގައި ކާބޯތަކެތި ހޯދުމަށް ކިޔޫގައި ތިބޭ މީހުންގެ ބޮލަށް އިސްރާއީލު ސިފައިން ބޮން އަޅައިގެންނާއި ޔަހޫދީ ސިފައިން ބަޑިޖެހުމުގެ ސަބަބުންވެސް ހައިހޫނުކަމުގައި ތިބޭ ޣާއްޒާގެ އެތައް ބަޔަކު ޝަހީދުކޮށްލައެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީ ޖަރުމަނު ނުވަތަ ހިޓްލަރުގެ ސިފައިން ވެސް ހިންގާފައިނުވާ ވަރުގެ ލާއިންސާނީ ޖަރީމާތަކެއްކަމަށް ޣައްޒާގެ ހާލަތު ބަލަމުން ގެންދާ ފަރާތްތަކުން ސިފަކުރެއެވެ.

ޣައްޒާގެ ހޮލޮކޯސްޓްގެ ނަމުގައި ސިފަކުރެވޭ މިޖަރީމާތައް ހިންގުމަށް ޔަހޫދީ އިސްރާއީލަށް އެހީތެރިވެދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. ޚާއްސަކޮށް އެމެރިކާ, ޖަރުމަނު، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ފަދަ ގައުމުތަކަކީ އިންސާނީ ހައްގުތަކާ ޚިލާފު މިޖަރީމާތައް ހިންގުމުގައި އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމުތަކެވެ.

އަދި އިސްރާއީލު ހިންގާ ޓެރަރިޒަމްގެ އަމަލުތައް އެންމެ ބޮޑަށް ސްޕޮންސާ ކުރާކަމުގެ ތުހުމަތު ކުރެވެނީ ވެސް މި ތިން ގައުމުގެ މައްޗަށެވެ.

ޔޫރަޕްގެ އިސް މަސްއޫލުވެރިއަކު ދާދިފަހުންވަނީ ޣައްޒާގެ ރައްޔިތުން މަރައި އެ މީހުން ބަނޑަށް ޖެއްސުމުގައި އިސްރާއީލަށް ވާގިވެރިވެފައި ދެން އިންސާނީ ހައްގުތަކުގެ ނަމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ޔޫރަޕަށް އޮންނާނެތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

comment ކޮމެންޓް