ޣައްޒާ ފަތަހަ ކުރުމަށް އިސްރާއީލުން ނިންމުމާ ގުޅިގެން، ޣައްޒާގައި ބޭނުންކުރެވޭނެ އަސްކަރީ ހަތިޔާރު އިސްރާއީލަށް ވިއްކުން ޖަރުމަނުން މެދުކަނޑާލައިފިއެވެ.
ޗާންސެލާ ފްރިޑްރިކް މާޒް އެ ނިންމުން އިއުލާން ކުރެއްވީ ހުކުރު ދުވަހު, ފަލަސްތީނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޣައްޒާ ހިފުމުގެ ޕްލޭނަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަލާމަތީ ކެބިނެޓުން ވޯޓު ދިންކަން ކަށަވަރުކޮށްދިންތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
"މި ހާލަތުގައި ޣައްޒާގައި ބޭނުންކުރެވިދާނެ އަސްކަރީ ސާމާނެއް އެކްސްޕޯޓް ކުރުމުގެ ހުއްދައެއް ޖަރުމަނު ސަރުކާރުން ނުދޭނެ،" ޗާންސެލަރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިސްރާއީލުން ހަނގުރާމަ ކުރަނީ އަމިއްލަ ދިފާއުގައި ކަމަށް ބުނެ އިސްރާއީލު އަބަދުވެސް އެންމެ ބޮޑަށް ދިފާއުކޮށްދޭ ގައުމުތަކުގެ ތެރޭގައި ޖަރުމަނު ހިމެނެއެވެ. ނަމަވެސް މިހާރު މި ފިޔަވަޅު އެޅީ ޣައްޒާގެ އާންމުންގެ ހާލަތު ގޯހުން ގޯހަށް ގޮސް އެކަމަށް ފިޔަވަޅެއް ނާޅާ ދޫކޮށްލެވެން ނެތުމުން ކަމަށް ވެސް މާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޣައްޒާ ހިފަން އުޅެނީ ހަމާސްގެ ހަތިޔާރު ބެހެއްޓުން މަޖުބޫރުކޮށް އެ ޖަމާއަތް ނައްތާލައި ރަހީނުން މިނިވަންކުރަން ކަމަށް އިސްރާއީލުން ބުނާއިރު، މި މަގްސަދުތައް ހާސިލްވާނެ ކަމާ މެދު މިހާރު ކުރިއަށްވުރެ ވެސް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.
ޖަރުމަނުގެ އެ ނިންމުމާ އެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއީ "ހަމާސް އަށް ދިން އިނާމެއް" ކަމަށް ސިފަކޮށްފައެވެ.
މާޒް ވަނީ އދ.އާއި އެންޖީއޯތައް ހިމެނޭ ގޮތަށް ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކަށް ފުރިހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފުރުސަތު ދިނުމަށް އިސްރާއީލަށް އިލްތިމާސް ކުރައްވާފައެވެ.
ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ކާނާ ނުލިބުމުގެ ސަބަބުން އެ ސަރަހައްދުން 98 ކުޑަކުދިން ހިމެނޭ ގޮތަށް 201 މީހުން މަރުވެފައިވާ ކަމަށާއި އިސްރާއީލުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް އަޅަމުންދާ ކަމަށް އދ.އިން ބުނެއެވެ.
ޣައްޒާ ހިފުމަށް އިސްރާއީލުން ނިންމައި އިއްޔެ އެކަން އިއުލާނުކުރުމާ އެކު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެކަން ކުށްވެރިކުރަމުންނެވެ.