ބައެއް ވަޒީރުންގެ އެއްބާރުލުން ނުލިބޭތީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ރައީސަށް ސިޓީއެއް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން: ވަޒީރުންގެ އެއްބާރުލުން ނުލިބޭ މައްސަލައިގައި 12 މެންބަރުންގެ ސޮޔާއެކު ރައީސަށް ވަނީ ސިޓީއެއް ފޮނުވައިފަ -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ބައެއް ވަޒީރުން އެއްބާރުލުން ނުދޭތީ, ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާން އެންގެވުމަށް އެދިވަޑައިގެން، އެމްޑީޕީގެ މުޅި ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގައި ތިއްބަވާ 12 މެންބަރުން ސޮއިކޮށް ފޮނުވި ސިޓީގައި ބުނީ، ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ އެހެނިހެން ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަދާކުރައްވަން ޖެހޭ ޒިންމާ އާ ގުޅޭގޮތުން މަޖިލީހަށް ތެދު ބަހުން ޖަވާބުދާރީވާން ޖެހޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ވަޒީރުންގެ މަސްއޫލިއްޔަތުތަކާ ގުޅިގެން މެންބަރުން ކުރާ ސުވާލުތަކަށް އެނގިހުރި މިންވަރަކުން ތެދު ބަހުން ޖަވާބުދިނުމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް، އެ ސިޓީގައި ވެއެވެ.

ނަމަވެސް ވުަޒާރާތަކުގެ މަސްއޫލިއްޔަތުތަކާއި ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތްތަކާއި މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރެވެމުންދަނީ ކިހާ ވަރަކަށްތޯ ބެލުމަށްޓަކައި ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވާ ކަމަށް، މެންބަރުން ބުނެފައި ވެއެވެ.

"އެހެން ނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެ ޒިންމާއިން ބާރީއަވެ، އަޅުގަނޑުމެންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ވަޒީރުން ގެންދަވަނީ ހުރަސްއަޅުއްވަމުންނެވެ." ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެހެންމެ ވަޒީރުން އައްޔަންކުރުމާއި ވަކިކުރުމާއި ވަޒީރުންނަށް ފިޔަވަޅު އެޅުމުގެ ބާރު ރައީސަށް ލިބިދީފައިވާކަމާއި، ވުމާއެކު މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނަށް ފިޔަވަޅު އެޅުމަކީ ރައީސްގެ މައްޗަށް ވާޖިބެއް ކަން ފާހަގަކޮށް، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ރައީސް އަރިހު އެދުނީ މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އެންގެވުމަށާއި، ވަޒީރުން ޤާނޫނުއަސާސީއަށް ތަބާވާކަން ކަށަވަރުކޮށްދެއްވުމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުގެ ފުރުސަތު ނުދޭތީ އިދިކޮޅު އެމްޑީޕީން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

https://sun.mv/205067

މި މައްސަލައިގައި މީގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅައިފައެވެ.

comment ކޮމެންޓް