ރާއްޖޭގެ ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ބިލު އިއްޔެ ފާސްކުރުމުން، އެ ބިލު ތަސްދީގުނުކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.
މި ބިލާ ދޭތެރޭ ގިނަ ބަޔަކު، ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް އަންގާރަ ދުވަހުގެ ރޭ ލާމަރުކަޒީ ކޮމިޓީން ބިލު ފާސްކުރީ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެންމެ 19 ގަޑިއިރަށް ހުޅުވާލުމަށް ފަހެވެ.
އެ ބިލު އިއްޔެ މަޖިލިސް ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއިދާއެކުގައެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ފައްޔާޒު ވިދާޅުވީ 100 އަށްވުރެ ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި އޮއްވައި އެއްވެސް ބެލުމެއްނެތި, ސަރުކާރުގެ މެންބަރުން އާންމުކޮށް ކަންކުރައްވާ ބީދައިން ދެ ދުވަހުން އެ ބިލު ފާސްކުރެއްވީ ކަމަށެވެ. އަދި އެގޮތަށް އެ މެންބަރުން ކަން ކުރެއްވީ ރައީސުލްޖުމްޙޫރިއްޔާގެ އެންގެވުމާ އިރުޝާދުގެ މަތިންކަން އެނގިވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެހެންނަމަވެސް ގައުމަށްޓަކައި އެ ބިލު ތަސްދީގުނުކުރެއްވުމަށް، ރައީސް މުއިއްޒަށް ފައްޔާޒު ގޮވައިލެއްވިއެވެ.
ގައުމަށްޓަކައި، އަޅުގަނޑު މިރޭ ރައީސް މުއިއްޒަށް ގޮވާލަން ތަސްދީގުނުކުރައްވާށޭ! ވިސްނަވާށޭ! ތިކަން ހުއްޓާލައްވާށޭ! އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އުފެދިގެން އަންނާނީ އެމްޑީޕީގެ ވެރިކަމެއް. ހަމަ މިހާރު އެ އޮތް ގޮތަށް، އެ ބަދަލުކޮށް، އިހުނަށްވުރެ ބޮޑެތި ބާރުތަކެއް އަޅުގަނޑުމެން ރަށްތަކަށް ދޭނެކަމުގެ ޔަގީންކަމާއި ކަށަވަރުކަން މި ފުރުސަތުގައި އަޅުގަނޑު އަރުވަން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ރައީސް އަދި މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ ރައީސް އޮފީސް
އެ އިސްލާހުތަކާ ގުޅޭ ގޮތުން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ކަމަށެވެ.
އެގޮތުން، ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާ ގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ކައުންސިލްތައް ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްފުޅުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވި ނަމަވެސް، މިނިސްޓްރީގެ އެއްވެސް ބާރެއް، އެ އިސްލާހުތަކުގައި ވެސް ނެތެވެ. އޭގެ ބަދަލުގައި ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަނެންސް އޮތޯރިޓީ (އެލްޖީއޭ)އަށް ވަނީ ބާރުތައް ދީފައެވެ.
ބިލުގައިވާ އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ. އެއީ:
- ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
- ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
- ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން.