ފުރަތަމަ ފާޑުކިޔުން އަމާޒުވި އެކަމަކު ސޮނާލީ ހުރީ އުފަލުން

ބަތަލާ ސޮނާލީ ބެންޑްރޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ ސޮނާލީ ބެންޑްރޭއަށް ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރަން ލިބުނު ފުރުސަތަކީ ކެރިއަރުގައި ދެމިހުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ބަތަލާ ބުނެފިއެވެ.

ފިލްމު "ޓައްކަރު"، "އިންގްލިޝް ބާބޫ ދޭސީ މޭމް"، "ދިލްޖަލޭ"، "ޑުޕްލިކޭޓް" އަދި "ސަރުފަރޯޝް" ފަދަ ފިލްމުތައް ކުޅެ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާ ޓެލެވިޒަން ދާއިރާއާ ގުޅެން ނިންމުމުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ސިހުނު ލިބުނު ކަމަށް ވެސް ސޮނާލީ ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރަން ނިންމި ނިންމުމަކީ މިހާތަނަށް ކެރިއަރުގައި ނިންމު އެންމެ ރަނގަޅު ނިންމުން ކަމަށް 50 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ސޮނާލީ ދާދިފަހުން ހޯސްޓުކުރަން ފެށި ރިއަލިޓީ ޝޯ "ޕަތީ ޕަތުނީ އޯރް ވޯ"ގެ ޕްރީމިއާ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް

ސޮނާލީ އެންމެ ފުރަތަމަ މަސައްކަތްކުރި "ކިޔާ މަސްތީ ކިޔާ ދޫމް" ޝޯއިން ބަތަލާއަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބުނުއިރު ޓެލެވިޒަން ދާއިރާގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ފިރިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ގޯލްޑީ ބެލްގެ ފަރާތުން ކަމަށް ސޮނާލީ ވަނީ ބުނެފައެވެ.

އެއަށް ފަހު ސޮނާލީ ދެން ފެނުނީ ޓެލެވިޒަން ޝޯތައް ކަމަށްވާ "އިންޑިއަން އައިޑޮލް 4"، "އިންޑިއާސް ގޮޓް ޓެލެންޓް"، "އިންޑިއާސް ބެސްޓް ޑާންސަ 3" އަދި "އިންޑިއާސް ބެސްޓް ޑްރާމެބާޒް" ފަދަ ޝޯތަކުގައި ފަނޑިޔާރެއްގެ ގޮތުގައެވެ.

ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރުމުގެ ސަބަބުން އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ހޯދަން ވެސް ވަރަށް ފަސޭހަވި ކަމަށާއި ބަތަލާގެ ހުރި ހަމައެކަނި ދަރިފުޅަށް ވަގުތު ބޭނުންވި އެންމެ މުހިންމު ދަނޑިވަޅުތަކުގައި ދަރިފުޅު ގާތުގައި ހުރުމުގެ ފުރުސަތު ވެސް ލިބުމަކީ ވެސް އެ ދާއިރާގައި ދެމިހުރުމަށް ލިބުނު ހިތްވަރެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ސޮނާލީ އަންނަނީ ކަލަސް ޓީވީން މި މަހުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ދައްކަން ފެށި ރިއަލިޓީ ޝޯ "ޕަތީ ޕަތުނީ އޯރް ވޯ" ޝޯގެ ހޯސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ސޮނާލީއާ އެކު މި ޝޯ ހޯސްޓުކުރަމުން އަންނަ އަނެއް ފަންނާނަކީ މުނައްވަރު ފާރުގީއެވެ.

comment ކޮމެންޓް