އިންޑިއާގެ ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޤައުމީ ފެންވަރުގެ އެވޯޑެއް އިންޑިއާ ސަރުކާރުން ނުދޭތީ ޓެލެވިޒަން ބަތަލާ ރުޕާލީ ގަންގޫލީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
ދާދިފަހުން ރުޕާލީ ބައިވެރިވި ހަފުލާއެއްގައި ވާހަކަ ދައްކަމުން ބަތަލާ ބުނެފައި ވަނީ ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހުން ކަމަށެވެ.
އާއްމުން މުނިފޫހިފިލުވައިދިނުމަށް ރެއާއި ދުވާލު މަސައްކަތުގައި ޓެލެވިޒަން ތަރިންނާއި އެހެނިހެން ފަންނާނުން އެތައް ވަގުތެއް ހޭދަކުރާއިރު ސަރުކާރުން އެކަން އަގު ވަޒަން ނުކުރުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް ޓެލެވިޒަން ދުނިޔޭގެ އެންމެ މަގުބޫލު އެއް ބަތަލާ ވަނީ ބުނެފައެވެ.

މަޝްހޫރު ޓީވީ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ބަތަލާ އަދި އިންޑިއާގެ ސިޔާސީ ލީޑަރު ސްމިރްތީ އިރާނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ދާދިފަހުން އިންޑިއާގެ ސަރުކާރުން ނެޝަނަލް އެވޯޑު ދޭ ތަރިންގެ ލިސްޓެއް އިއުލާނުކޮށްފައިވާއިރު އޭގެތެރޭގައި ފިލްމީ ތަރިންގެ އިތުރުން ކޮންޓެންޓް އުފައްދާ ފަރާތްތައް ވެސް ހިމެނޭ ކަމަށާއި ޓީވީ އާޓިސްޓުންނަށް އެފަދަ އެއްވެސް އެވޯޑެއް ސަރުކާރުން ނުދޭތީ ކަންބޮޑުވާ ކަމަށް ރުޕާލީ ވަނީ ބުނެފައެވެ.
ފިލްމީ ތަރިން ފިލްމު ސެޓުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އެކަން ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރާއިރު ޓެލެވިޒަން ތަރިންނަކީ ވެސް ހެނދުނު ހަޔަކުން ފެށިގެން އިރުއޮއްސި ނުވައެއް ޖަހަންދެން މަސައްކަތްކުރާ މީހުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެހެންކަމުން ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރާ ފަންނާނުން ދޭތެރޭ ވިސްނުމަށް ރުޕާލީ ވަނީ އިންޑިއާގެ ސަރުކާރުގެ ވެރިންނަށް ގޮވާލާފައެވެ.
މި ހަފުލާގައި ވާހަކަ ދައްކަމުން ރުޕާލީ ވަނީ ދާދިފަހުން ސްޓާޕްލަސްއިން ދައްކަން ފެށި ސީރީސް "ކިއުކީ ސާސް ބީ ކަބީ ބަހޫ ތީ"ގައި ތުލްސީގެ ރޯލް ކުޅޭ ބަތަލާ އަދި އިންޑިއާގެ ސިޔާސީ ލީޑަރު ސްމިރްތީ އިރާނީ އެނބުރި ޓެލެވިޒަން ދާއިރާއާ ގުޅުމުން އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށް ބުނެފައެވެ.
ސްމިރުތީ ޓެލެވިޒަން ދާއިރާއަށް އެނބުރިއައުމާ އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން އެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ލިބި، އެ މީހުން ކުރަމުން އަންނަ މަސައްކަތްތައް އާންމުންނަށް އެނގުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.