ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު އުފައްދާފައިވަނީ އެމްއެމްއޭ ވެސް ބައިވެރިވެގެން: އަބްދުލްޣަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ: ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު އުފައްދާފައި އޮތީ އެމްއެމްއޭގެ ވެސް ހިއްސާއާ އެކު ކަމަށް -- ފޮޓޯ: މަޖިލިސް

ރާއްޖޭގައި މިއަދު މި އޮތް ޑޮލަރުގެ ކަޅު ބާޒާރު އުފައްދާފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ވެސް ބައިވެރިވުމާ އެކު ކަމަށް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ މި އިސްލާހަކީ އެމްއެމްއޭއަށް ކުންފުނި ހަދައި ވިޔަފާރީގެ ތެރެއަށް ވަނުމަށް މަގުފަހިކުރުވާ އިސްލާހެއް ކަމަށެވެ. އެމްއެމްއޭއަކީ ރާއްޖޭގެ މާލީ ނިޒާމް ރެގިއުލޭޓްކުރަން އޮންނަ ތަން ކަމަށް، އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ރާއްޖޭގައި އުފައްދާފައިވަނީ އެމްއެމްއޭގެ ވެސް ހިއްސާ އާ އެކު ކަމަށް ތުހުމަތުކުރައްވައިފައެވެ.

މި ގައުމުގަ ޑޮލަރު މިއަދު ހުރީ 20 ރުފިޔާ 25 ލާރީގަ އިއްޒަތްތެރި ރައީސް، މިއީ ސެންޓްރަލް ބޭންކުން ވެސް ބައިވެރިވެގެން އުފައްދައިފަ އޮތް ބްލެކް މާކެޓެއް އިއްޒަތްތެރި ރައީސް، މިހެން ބުނަން މި ޖެހެނީ މިހާތަނަށް އެއްވެސް މީހަކާ ދޭތެރޭ އެޅުނު ފިޔަވަޅެއް ނެތް، އަބްދުލްޣަފޫރު މޫސާ

އެމްއެމްއޭއަށް ކުރާ ތުހުމަތުތަކުގެ ސަބަބުތަކެއް ކަމަށް އަބްދުލްޣަފޫރު ވިދާޅުވީ، ބިދޭސީން ޑޮލަރު އެކްސްޗޭންޖްތަކުގައި ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރަމުން ދާއިރު އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައި ނެތުމެވެ. އަދި ޖެމްކިއު (ޖީއެމްސީއީ)އިން އެތަކެއް ރުފިޔާއެއް ބޭރުވިއިރު އެކަމަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުންނެވެ. ހަމަ އެއާއެކު ގައުމީ ބޭންކް ބީއެމްއެލްގެ ފައިދާ ބިލިއަނަކަށް އަރާއިރު، 15 ޕަސެންޓް އިންޓްރެސްޓަށް ވުރެ ދަށުން ބޭންކުން ލޯނު ދޫނުކުރާތީ އެކަމަށް ވެސް އޭނާ ފާޑުވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބޭނުމަކީ ޕޭމަންޓް ސިސްޓަމްތައް ހިންގުމާއި، ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް، ކުންފުންޏާއި އެ ނޫންވެސް ގާނޫނީ ޝަޚުސުތައް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ދިނުމެވެ. އަދި ޕޭމަންޓް ޚިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އަދަބު ކަނޑައެޅުމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމަނަން ބޭނުންވާ އިސްލާހުތައް ގެނައުމެވެ.

އެ އިސްލާހުގައި ވަނީ އެމްއެމްއޭއަށް ކުރެވޭނެ ކަންކަން ބަޔާންކޮށްފައެވެ. އެއީ:

  • ސިސްޓަމްތަކުގެ މިލްކުވެރި ފަރާތަކަށްވުން، ނުވަތަ ސިސްޓަމްތައް ގާއިމުކޮށް ހިންގުން، ނުވަތަ ސިސްޓަމްތަކުގެ މިލްކުވެރިކަމުގައާއި ހިންގުމުގައި ބައިވެރިވުން.
  • ސިސްޓަމްތަކަށް ހަދާ ޓްރާންސްފާތަކުގެ ކްލިއަރިން އަދި ސެޓްލްމަންޓް ހެދުމަށްޓަކައި އޮޕަރޭޓަރުންނަށާއި ބައިވެރިންނަށް އެކައުންޓް ހުޅުވައިދިނުމާއި ބެހެއްޓުން.
  • އޮޕަރޭޓަރުންނާއި ބައިވެރިންގެ ކޮލެޓަރަލް ބެހެއްޓުން.
  • އެކަށީގެންވާ ކޮލެޓަރަލްއެއް ނެގުމަށްފަހު ބައިވެރިންނަށް އިންޓްރާޑޭ ލިކުއިޑިޓީ ފޯރުކޮށްދިނުން.

ހަމައެއާއެކު ސިސްޓަމެއް ހިންގައި ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ކުންފުންޏެއް ނުވަތަ ޖޮއިންޓް ވެންޗާއެއް އުފެއްދިދާނެ ކަމަށް އިސްލާހުގައިވެއެވެ.

ވަކިން ޚާއްސަކޮށް އެ ގާނޫނުގެ 50ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތަކުން، އެ ގާނޫނުގެ ދަށުން ދޫކުރާ ލައިސެންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ އޮތޯރިޓީން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި ބޭންކުތައް ފިޔަވައި އެހެން ފަރާތްތަކުން، އެ ފަރާތެއް އަމިއްލައަށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ސޮލިސިޓްކުރުމަކީ އާންމުންނަށް ޕޭމަންޓްގެ ޚިދުމަތެއް ދިނުމަށް ހުށަހެޅުން، ނުވަތަ އެފަދަ އިޝްތިހާރެއް ކުރުން ނުވަތަ ދައުވަތެއް ދިނުމެވެ.

މިހާރު އެ މާއްދާ އޮންނަ ގޮތުން ނަމަ، އެ އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން ނުވާނެއެވެ.

comment ކޮމެންޓް