ރައްޓެއްސަކާއި އަނބިމިހާ ހިތާވުމުން އުފެދުނު ހަމަނުޖެހުންތަކުގައި ހުކުމެއް

ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ އަނބިމީހާ އެހެން މީހަކާ އިނުމުން އެ ކަމާ ރުޅި އައިސްގެން އަންހެން މީހާގެ ގެއަށް ވަދެ ވައްކަންކޮށް މުދަލަށް ގެއްލުން ދިން މީހަކަށް ހުކުމްކޮށްފިއެވެ.

މިއީ ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައި ހިނގި ހާދިސާއަކާ ގުޅިގެން މިދިޔަ ހަފުތާގައި ހުކުމެއް އިއްވި މައްސަލައެކެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ.

މި މައްސަލައަކީ ދެމަފިރިން އެއްކޮށް އުޅެނިކޮށް ފިރިމީހާގެ ރައްޓެހިކަމުގައި ގެއަށް އައިސް އުޅުނު އެހެން ފިރިހެނަކާ، އަންހެނުން ހިތާވެ، އެންމެ ފަހުން ފިރިމީހާ ކައިރިން ވަރިވެ، އަނެއް ފިރިހެން މީހާއާ އިނުމުން އުފެދުނު މައްސަލަތަކެއްގެ ތެރެއިން ހިނގި ހާދިސާއެއްކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

"ޒާހިރު (އަސްލު ނަމެއް ނޫން) އާއި ފާތިމަތު (އަސްލު ނަމެއް ނޫން) އާ ދެ މީހުން ކައިވެނިކޮށް، ދަރިން ލިބި، ދަރިން ބޮޑެތިވެ އެކުގައި އުޅެމުން ދަނިކޮށް، މުސްތަފާ (އަސްލު ނަމެއް ނޫން)، ރަހުމަތްތެރިއެއްގެ ސިފައިގައި ޒާހިރު ދިރިއުޅޭ ގެއަށް އައިސް އަނބިމީހާ ޖަހައިގަނެގެން ޒާހިރާ ދަރިންނަށް ނިކަމެތިކަންދީ، ފާތިމަތުއާ ކައިވެނިކޮށްގެން އުޅުނުއިރުގެ ދައުވާއެއް،" ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ތިން ދައުވާއެއް ކުރިއެވެ. އެއީ، ވައްކަން ކުރުމުގެ ދައުވާއާއި، ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުވާ ރައްދުވީ ފަރާތަކީ ވައްކަމާއި އެ ނޫން ވެސް އެފަދަ އެއްވެސް ކުށެއްގެ އެއްވެސް ރިކޯޑެއް ކުރިން އޮތް މީހެއް ނޫނެވެ. އަދި، އެ މީހާގެ މޯޓިވްއަކީ ވައްކަން ކުރުން ނޫން ކަމާއި އެ މީހާއަށް ލިބުނު ދެރައިގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުން ޖެއްސުން ކުރުމާއި ގެއްލުން ދިނުންކަން އެނގެއެވެ.

އެހެންނަމަވެސް، ހަ އަހަރު ކުރީގެ މި ހާދިސާގައި ދައުވާ ލިބުނު މީހާ، އޭނާގެ ކުރީގެ އަނބިމިހާގެ ގެއިން، ބަރޮލަކާއި ގާޑިޔަލެއް ވަގަށް ނަގައި އެ ތަކެއްޗަށް ގެއްލުން ދީފައިވާކަން ޝަރީއަތަށްވަނީ ސާބިތުވެފައެވެ. އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރި މި މައްސަލައަކީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު ހިނގި ހާދިސާއަކާ ގުޅޭ މައްސަލައެކެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. ދައުވާ ކުރިތާ ހަތް އަހަރުވާން ގާތްވެފައިވަނިކޮށް ހުކުމް އިއްވި މި މައްސަލައިގައި ކުރީގެ އަނބިމީހާގެ ގެއިން ވަގަށް ނަގާފައިވަނީ ފެހިކުލައިގެ ބަރޮލަކާ، ގޭސް އުފުލުމަށް ތައްޔާރުކޮށްފައިވާ ކުޑަ ގާޑިޔަލެކެވެ. ވަގަށް ނެގި ގާޑިޔާ އަދި ބަރޮލުގެ ފުރޮޅު ނައްޓާލުމުގެ އިތުރުން ގާޑިޔަލުގެ ބައެއް ބައިތަށް ދުނި ކީހަކުން ކީހާލާފައިވާކަން ވެސް ޝަރީއަތުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ދައުވާ ލިބުނު މީހާ ދައުވާތަކަށް އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި އެ މީހާގެ މައްޗަށް ކުށް ސާބިތުވިއެވެ. މި ކުށްތަކުގެ އަދަބެއްގެ ގޮތުން ޖަލު ހުކުމެއް އިއްވި ނަމަވެސް، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، ކޯޓުންވަނީ އެ ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. މައްސަލައިގައި ޖުމްލަ، 45،400 ރުފިޔާގެ ޖޫރިމަނާއެއް ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް