އިންޑޮނޭޝިއާގައި ހުންނަ މައުންޓް ލެވޮޓޯބީ ލަކި ލަކީ އަލިފާން ފަރުބަދަ، އަނެއްކާވެސް ގޮވައިފިއެވެ.
އިއްޔެ އެ ފަރުބަދަ ގޮވުމުގެ ސަބަބުން 10 ކިލޯމީޓަރަށް ވުރެ އުސްކޮށް ދުންގަނޑު އަރާފައިވާ ކަމަށް އެ ގައުމުގެ ވޮލްކެނޮލޮޖީ އޭޖެންސީއާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ފާއިތުވި މަސްތަކުގައިވެސް އެ ފަރުބަދަ ގޮވާފައިވާއިރު، އޭގެ ތެރޭގައި ޖުލައި މަހުގެ ކުރީކޮޅު ފަރުބަދަ ގޮވައި 18 ކިލޯމީޓަރު އުސްމިނަށް ދުންގަނޑު އެރިއެވެ. އެ ހާދިސާގެ ސަބަބުން އެ ސަރަހައްދާ ކައިރީގައި އޮންނަ ރިސޯޓު ޖަޒީރާ، ބާލީގެ ދަތުރުތައްވެސް ކެންސަލްކުރިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް އެ ފަރުބަދަ ވަނީ އެތައް ފަހަރަކު ގޮވާފައެވެ. އޭގެ ސަބަބުން ނުވަ މީހަކު މަރުވެ އެތައް ބަޔަކު އެ ސަރަހައްދު ދޫކޮށް ދާން ޖެހުނެވެ. ގޮވުމުން އުފެދުނު ވިލާގަނޑުގެ ސަބަބުން ފްލައިޓްތައް ވެސް ކެންސަލް ކުރަން މަޖުބޫރުވިއެވެ.
އިއްޔެ ހިނގި ހާދިސާއާ ގުޅިގެން ވޮލްކެނިކް އެޖެންސީން ވަނީ އެ ސަރަހައްދުގެ ވަށައިގެން ހަ ކިލޯމީޓަރުގެ ސަރަހައްދުން މީހުން ހުސްކުރުމަށް އަންގައި، ބޯކޮށް ވާރޭ ވެހޭނަމަ، ކިސަޑް އުފެދިދާނެ ކަމުގެ އިންޒާރު ދީފައެވެ.