ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ސޯޝަލް މީޑިއާގައި މަގުބޫލް ފިޓްނެސް ޓްރެއިނަރު އާއިޝަތު ޝަޒީ އަހުމަދަށް އަނިޔާވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އޭނާ މަސައްކަތް ކުރަނީ 'ވީރު - ލޭޑީސް ވޯކްއައުޓް ޒޯން'ގައި ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގައެވެ.
އުމުރުން 28 އަހަރުގެ ޝަޒީ އެކްސިޑެންޓުވީ ހޮނިހިރު ދުވަހު އިރުއޮއްސި 19:08ގައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ބުރިޖުން ހުޅުމާލެއަށްދާ ލޭނުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި ތިން މީހުންނަށް އަނިޔާވިއިރު، އޭގެ ތެރޭގައި ހިމެނެނީ ޝަޒީގެ އިތުރުން ދެ ފިރިހެނުންނެވެ.
ޝަޒީއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗު ހޮސްޕިޓަލުގައެވެ.
އެ ހޮސްޕިޓަލުން ބުނީ، ޝަޒީއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރުގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގައި، އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ބުނެފައިވެއެވެ.
މި އެކްސިޑެންޓުގެ މައްސަލައިގައި ފުލުހުންވަނީ ދެ ސައިކަލެއް ޓޯކޮށް، މައްސަލަ ބަލަން ފަށައިފައެވެ.
ކަސްރަތު ކޮށްދިނުމަށް ތަމްރީނުތަކެއް ހަދައިފައިވާ ޝަޒީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 13،300އަށް ވުރެ އިތުރެވެ. އޭނާގެ ޕޭޖުގައި ޒާތީ ދިރިއުޅުމުގެ ބައެއް މަންޒަރުތަކުގެ އިތުރުން، ކަސްރަތު ކުރާނެ ގޮތްތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިއްސާކޮށްފައި ހުރެއެވެ. އަދި ޝަޒީ ސައިކަލު ދުއްވާ ބައެއް ވީޑިއޯތައް ވެސް މިފަހުން ހިއްސާކޮށްފައިވެއެވެ.
ބުރިޖު މަތީ އެކްސިޑެންޓުވި ވަގުތު ސައިކަލު ދުއްވަން އިނީ ކާކު ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ.