ސިޔާސީ މީހުން އިދިކޮޅަށް ގޮސް ފުލުހުންނާ 'ތޮޅޭ ތޮޅުން' ހުއްޓާލަން ޖެހޭ ކަމަށާއި އެނޫން މަންޒަރެއް ގައުމުގެ ކުޑަކުދިންނަށް ދައްކަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
އިހުސާން ވެސް ހިމެނޭހެން، ފަސް ވަޒީރުން ބައިވެރިވެވަޑައިގެން ކުރިއަށްގެންދިޔަ 'އަހާ ފޯރަމް'ގައި މީހަކު ވަނީ، ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ހިފެހެއްޓުމަށް ކުރާ މަސައްކަތާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ އިތުބާރު ގެއްލިފައި ވަނީ މައިގަނޑު ދެ ސަބަބަކާ ހެދި ކަމަށެވެ. އެގޮތުން އެކަންވާ އެއް ގޮތަކީ، ކޮންމެ ބަޔަކު ވެސް އިދިކޮޅުގައި ތިބޭއިރު ފުލުހުންނާ ދެކޮޅުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިދިކޮޅުގައި ތިބޭއިރު ފުލުހުން ދިމާކުރުމަށްފަހު ވެެރިކަމަށް އައުމުން އެމީހުންނަށް ފުލުހުން ރަނގަޅުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ފުލުހުންނަށް އިތުބާރު ގެއްލޭ ދެވަނަ ސަބަބަކީ ޕްރޮފެޝަނަލް ބައެއް ޚިދުމަތްތައް ނުދެވުން ކަމަށް އިހުސާން ވިދާޅުވިއެވެ.
އެ އިތުބާރު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް މިނިސްޓަރު ވަނީ ކިޔައިދެއްވާފައެވެ.
އެގޮތުން، ސަރުކާރު ހަވާލުވީއިރު ތަމްރީނު ނުލިބި ތިބި 1،000 ފުލުހުން ތިބި ކަމަށާއި އެ އަދަދު 300އަށް ދަށްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތަމްރީނު ވެގެން ތިބި ފުލުހުން ޚިދުމަތް ދިނުމުގެ އަމާޒަށް ވާސިލުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ދެވަނަ ކަމަކަށް އިހުސާން ފާހަގަކުރެއްވީ، ހުށަހަޅާ މައްސަލަތަކުގެ ތަހުގީގުތަކާއި ޚިދުމަތްތައް އަވަސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމެވެ.
ފުލުހުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތްތައް:
- ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކޮށް، ޖަވާބުދާރީވެވޭނެ މުއައްސާއެއްގެ ގޮތަށް ބައްޓަންކުރުން
- ފުލުހުން ޚިދުމަތް ދޭކަން ރައްޔިތުން ގަބޫލުކުރާ މިންވަރަށް ޚިދުމަތްދިނުން
- މަގުމައްޗަށް ނެރޭ ފުލުހުން އިތުރުކުރުން
އަބަދުވެސް ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ގޮއްސަ، ފުލުހުންގެ މުއައްސަސާއާ ތޮޅޭ ތޮޅުން ހުއްޓާލަން ޖެހޭ. އަޅުގަނޑުމެންގެ ކުޑަކުދިންނަށް އެބަ ޖެހޭ އެނޫން މަންޒަރުތަކެއް ފެންނަން. އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓު އެޖެންސީތަަކަކީ ގާނޫނު އެންމެންނަށްޓަކައި ނަގަހައްޓާ ބައެއްކަން އެބަ ޖެހޭ ގަބޫލުކުރަން
އޭގެއިތުރުން، ސިޔާސީ ވާދަވެރިކަން އޮންނަން ޖެހޭނެ ކަމަށާއި ސިޔާސީ ދެކޮޅުވެރިކަން އޮތް ނަމަވެސް އޭގެ ތެރެއަށް ދައުލަތުގެ މުއައްސަސާތައް ނުވެއްދުމަށް އިހުސާން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ، ކުށުގެ ރެކޯޑަށް ހުށަހެޅިފައިވާ ކުދިންނާ ގުޅުވައި ވާހަކަދައްކަވާފައެވެ. އެގޮތުން، މިހާރުވެސް ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ ހާހެއްހާ ކުދިން އެބަތިބިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަހާ ފޯރަމްގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ --- ފޮޓޯ/ އިހުސާން
އެކުދިންނަަށް އަޅާނުލައިފިނަމަ، ކުރިއަށް އޮތްތަނުގައި ފެންނާނީ ޖަލުން ނުވަތަ ޖަލަށްދާ ވަރުގެ ކުށެއް ކުރަނިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއާއެކު، ކުށުގެ ވެށީގައި އުޅޭ ކުދިންނަށް އެހީވުމަށް ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގަމުން އަންނައިރު، އެކަމަށް ބޭނުންވާ ވަރަށް މީހުން ނެތް ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.
ފުލުހުން ހިންގާ ތަހުގީގާއި، އާންމުކުރާ މައުލޫމާތަށް އިތުބާރު ނުކުރެވޭ ކަމުގެ ޝަކުވާ މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މީގެ އިތުރުން، ފުލުހުންގެ މުއައްސަސާއަކީ ބޮޑު މުއައްސަސާއެއް ކަމަށްވާއިރު، ފުލުހުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެކި ސަރުކާރުތަކުން މަސައްކަތްތައް ކުރާ ކަމުގެ ތުހުމަތު ވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ.