ރަހީނުން ދޫކޮށްލި ނަމަވެސް ހަނގުރާމަ ހުއްޓައެއްނުލާނަން: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ލުޑޮވިކާ ޔުނިވާސިޓީ އޮފް ޕަބްލިކް ސާވިސްގައި. ފޮޓޯ/ރޮއިޓާްސް

ރަހީނުން ދޫކޮށްލި ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއެކު އެއްބަސްވެފައި ނުވާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވީ އެމެރިކާ އަދި އިސްރާއީލުގެ ރައްޔިތެއް މިނިވަން ކުރުމަށް ހަމާސްއިން އެއްބަސްވުމާ ގުޅިގެންނެވެ. ހަމާސުން މިނިވަން ކުރުމަށް އެއްބަސްވެފައި ވަނީ 21 އަހަރުގެ އެޑެން އެލެގްޒާންޑާއެވެ. އޭނާއަކީ އެމެރިކާގެ ނިއު ޖާޒީއަށް އުފަން، އެމެރިކާއާއި އިސްރާއީލަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާ މި ވަގުތު ޚިދުމަތް ކުރަމުން ދަނީ އިސްރާއީލުގެ އަސްކަރިއްޔާގައެވެ.

އެލެގްޒެންޑާ މިނިވަން ކުރުމަށް ނިންމާފައި ހަމާސް، އެމެރިކާ، މިޞްރު އަދި ޤަޠަރާއެކު ކުރި މަޝްވަރާތަކަކަށްފަހުއެވެ.

ލެގްޒާންޑާއަކީ ހަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ ތެރޭގައި ހުރި އެމެރިކާގެ ހަމައެކަނި ރައްޔިތެވެ. އޭނާ މިނިވަން ކުރުމަށް ނިންމާފައިވާ ތާރީހު ހަމާސުން އިއުލާނު ކޮށްފައި ނެތް ނަމަވެސް މާދަމާ އޭނާ ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެލެގްޒެންޑާ ދޫކޮށްލުމަކީ ޣައްޒާގައި މިހާރު ބަންދުކޮށްފައިތިބި 59 ރަހީނުންގެ ތެރެއިން ބާކީތިބި ރަހީނުން މިނިވަންކުރުމަށް ހުޅުވުނު މަގެއް ކަމަށް ބެލެވުނު ނަމަވެސް ޣައްޒާއަށް ދޭ ހަމަލާތައް އިތުރު ކުރާނެކަން މިދިޔަ ހަފްތާ އިސްރާއީލުން ކުރި އިއުލާނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

އެމެރިކާގެ އަސީރަކު މިނިވަން ކުރުމަށް ހަމާސުން ނިންމާފައި މި ވަނީ، މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ރަހީނުކޮށްފައިވާ މީހުންގެ އާއިލާތަކުން އަންނަނީ ރަހީނުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައި ޕްރެޝަކުރަމުންނެވެ. ނަމަވެސް ހަނގުރާމަ ނިންމާނުލުމަށް ނަތަންޔާހޫގެ ކެބިނެޓްގެ ހަރުކަށި ފިކުރުގެ މީހުން އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް