ފަލަސްތީނު ދައުލަތް ބަލައިގަންނަ ނަމަ ފިޔަވަޅު އަޅާނަން: އިސްރާއީލު

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ބްރޫސެލްގައި ބޭއްވި އެއްވުމެއްގައި ފަލަސްތީނުގެ ދިދަ ހިފައިގެން. ފޮޓޯ/ގެޓީ

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަ ނަމަ، އިސްރާއީލުގެ އަމިއްލަ ގޮތް ނިންމައި، ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރް ބުނެފިއެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގިނަ ގައުމުތަކަކުން އަންނަނީ ވިސްނަމުންނެވެ.

"ފަލަސްތީނު ދައުލަތް ބަލައިގަތުމުގެ ވާހަކަތައް އެބަ ދެކެވޭ. އެކަން އެގޮތަށް ކޮށްފިނަމަ، އެއީ މުސްތަގުބަލުގައި އިސްރާއީލާއެކު އޮތް ގުޅުމަށް ބުރޫ އަރާނެ ކަމެއް. އަދި އެކަން ކަމާ ގުޅިގެން އިސްރާއީލުން ވެސް އަމިއްލަ ގޮތްތަކެއް ނިންމަން ޖެހިދާނެ،" ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ޔޮހާން ވަޑެފުލްއާ އެކު ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާރް ބުންޏެވެ.

ދެ ދައުލަތުގެ ހައްލަކީ އިސްރާއީލާއި ފަލަސްތީނަށް ސުލްހަޔާއި އަމާންކަމާއި އަމާންކަމުގައި އުޅެވެން އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށް އެ ބައްދަލުވުމުގައި ވަޑެފްލް ފާހަގަކުރިއެވެ. ނަމަވެސް ގާނޫނާ ޚިލާފަށް ޔަހޫދީން އާބާދުކުރުމުގެ ސަބަބުން އަދި ގައުމުތަކުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުން ފަދަ ކަމަކުން މިކަމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އަންނަ ޖޫން މަހު ކުރީކޮޅު ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ މަސައްކަތް ފަރަންސޭސިވިލާތުން ކުރާނެ ކަމަށް ނިއު ޔޯކުގައި ބޭއްވި އދ.ގެ ކޮންފަރެންސެއްގައި އެ ގައުމުގެ ރައީސް އިމެނުއެލް މެކްރޮން ވަނީ ވިދާޅުވެފައެވެ.

މިހާރު ވެސް ގާތްގަނޑަކަށް 150 ގައުމަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައެވެ.

މިދިޔަ އަހަރު މެއި މަހު އަޔަލޭންޑާއި ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތެއް ބަލައިގަނެފައިވާއިރު، އޭގެފަހުން ޖޫން މަހު ސްލޮވޭނިއާއިންވެސް ވަނީ ފަލަސްތީނު ދައުލަތް ބަލައިގަނެފައެވެ.

comment ކޮމެންޓް