ދަރުމާ ޕްރޮޑަކްޝަންސްއިން 2008 ވަނަ އަހަރު ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ފިލްމު "ދޯސްތާނާ"ގެ ސީކުއަލް އެމޭޒަން ޕްރައިމްއާ ގުޅިގެން ގެނެސްދޭން ނިންމައިފިއެވެ.
މި ސީކުއަލް 2019 ވަނަ އަހަރު އިއުލާނުކުރިއިރު ފިލްމުގެ ކާސްޓުގައި ކާތިކް އާރްޔަން، ޖާންވީ ކަޕޫރު އަދި ފިލްމު "ކިލް"އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ލަކްޝްޔަ ހިމެނެއެވެ.
ނަމަވެސް، ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ކާތިކް އާރްޔަންއާ ދެމެދު ޖެހުނު މައްސަލަގަނޑެއްގެ ތެރޭ ކާތިކް ވަނީ ފިލްމުން ވަކިވެފައެވެ. އޭގެ ހަތަރު އަހަރު ފަހުން މި ފިލްމު އަލުން އިއުލާނުކުރިއިރު "ދޯސްތާނާ"ގެ ސީކުއަލްއިން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ލަކްޝްޔާއާއި ވިކްރާންތު މަސޭއެވެ.
ފިލްމުން ޖާންވީގެ ބަދަލުގައި ބަތަލާގެ ރޯލުން ފެންނާނެ ތަރިއަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދާއިރު ވިކްރާންތާއި ލަކްޝްޔައާ އެކު "ދޯސްތާނާ 2" އަލުން ބަލުން ފަށަން ނިންމާފައިވާ ކަމަށް ޕީޕިންގްމޫންގައި ވަނީ ބުނެފައެވެ.

ފިލްމު "ދޯސްތާނާ"ގެ ޕޯސްޓަރެއްގައި ބަތަލާ ޕްރިޔަންކާ، ޖޯން އަބްރަހަމް އަދި އަބިޝޭކް ބައްޗަން--ފޮޓޯ/މިޑްޑޭ
މީގެ ކުރިން މި ފިލްމު އުފައްދަން ނިންމީ ނެޓްފްލިކްސްއާ އެކު ކަމަށް ވިޔަސް އެ ނިންމުމަށް ވެސް ބަދަލު ގެނެސް ފިލްމު އުފައްދަން ނިންމާފައިވަނީ އެމޭޒަން ޕްރައިމްއާ އެކު އެ ޕްލެޓްފޯމްގެ އޮރިޖަލް އުފެއްދުމެއްގެ ގޮތުގައެވެ.
މި ފިލްމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ނިންމާފައިވާއިރު ފިލްމުގެ ޝޫޓިންގް ފެށޭނެ ތާރީޚެއް ކަނޑައަޅާނީ އެކްޓަރު ވިކްރާންތަށް ފިލްމަށް ވަގުތު ދެވޭނެ ދުވަސްކޮޅެއް ކަށަވަރުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދަރުމާއިން ވަނީ އެމޭޒަން ޕްރައިމްއާ އެކު މީގެ ކުރިން ވެސް މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި އެމޭޒަން ޕްރައިމްއާ ގުޅިގެން ގެނެސްދިން "ލަވް ސްޓޯރިޔާން"، "އޭ ވަޠަން މޭރޭ ވަޠަން"، "ކޯލް މީ ބޭ" އަދި "ދަ ޓްރައިބް" ހިމެނެއެވެ.
ދަރުމާއިން ގެނެސްދިން 2008 ވަނަ އަހަރުގެ ފިލްމުގެ ކާސްޓުންނަކީ ޖޯން އަބްރަހަމް، އަބީޝެކް ބައްޗަން އަދި ޕްރިޔަންކާ ޗޯޕްޅާއެވެ.